އަންނަ އަހަރުން ފެށިގެން މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ޑޮމެސްޓިކް ރޭޓުން ބިލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދައިން ނިންމީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ކަމަށާއި، އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ 1 ފެށިގެން ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ބިލު ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.
ރައީސް ވިދާޅުވީ މި ބަދަލާއެެކު ރަށްރަށުގެ މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މިހާރު އާންމު ތަންތަނާއި މަގުތައް ދިއްލަން ހޭދަވާ ކަރަންޓު ބިލު ކުރަނީ ވިޔަފާރިތަކަށް ބިލު ކުރާ ރޭޓުތަކުގައެވެ. މި ބިލު ކުރަނީ އެރަށެއްގެ ކައުންސިލަށް ކަމަށްވާއިރު، މި ރޭޓުން ބިލު ކުރުމުގެ ސަބަބުން ކަރަންޓު ބިލު ބޮޑުވެ ބިލު ދެއްކުމަށް ދަތިވެ އެ މައްސަލަ ކައުންސިލްތަކުން ޖައްސާފައިވެއެވެ.
މީގެއިތުރުންވެސް ރައީސް ވަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ރަށްރަށުގެ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ފައިސާގެ ފިސްކަލް ފޯމިއުލާ މުރާޖާކޮށް ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރަން ނިންމަވާފައެވެ. އެހެންކަމުން ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލު ކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މިހާރު ކައުންސިލްތަކަށް ދޫކުރަނީ، ދައުލަތަށް ލިބޭ އާމްދަނީގެ 5 ޕަސެންޓު ބްލޮކް ގްރާންޓާއި، އަތޮޅުތަކުގެ ރަށްރަށާއި، ފަޅުން ލިބޭ އާމްދަނީގެ ކުލީގެ 40 ޕަސެންޓެވެ. މީގެ އިތުރުން ކުންފުނިތައް އުފައްދައިގެން ވިޔަފާރިކުރެވޭނެ މަގުތައް ލާމަރުކަޒީ ގާނޫނުގައި ހިމެނިފައިވެއެވެ.