އަންނަ ހަފްތާގެ ހޯމަ ދުވަހު ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު, ދައުރުން ބޭރު ދެ ޖަލްސާ ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވެފައިވާއިރު، ޖަލްސާގެ އެޖެންޑާ އަދި ލިބިފައިނުވާކަމަށް މެންބަރުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މަޖިލީސް ޗުއްޓީގައި އޮއްވާ ދައުރުން ބޭރުން މި ޖަލްސާތައް ބާއްވާ ސީދާ ސަބަބު އަދި ނޭގޭކަމަށް މެންބަރުން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލިސް މިދިޔަ މަހުގެ 19 އިން ފެށިގެން ޗުއްޓީގައި އޮތްއިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގެ ބަހުސް ތާވަލުކޮށް، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މިދިޔަ މަހު ވެސް ވަނީ ބާއްވާފައެވެ. އަންނަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު އެ ތާރީހަކީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އިން މީޑިއާ ކޮންޓްރޯލު ކުރާ ބިލުގެ މަސައްކަތް ނިންމަންޖެހޭ ސުންގަޑި ހަމަވާ ދުވަސްކަން ފާހަގަކޮށްލެވެއެވެ.
މަޖިލީހުގެ ފުލް މެޖޯރިޓީ އޮތް, ޕީއެންސީއިން މީޑިއާ ކޮންޓްރޯލު ކުރާ ބިލަށް ތާއިދުކޮށް، އެ ބިލުގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނައިރު ބިލާ ދެކޮޅަށް ނޫސްވެރިންނާ، ސިޔާސީ ފަރާތްތަކުގެ އިތުރުން އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.