ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭނަށް ހިޔާލު ދިނުމުގައި ބައިވެރިނުވާނަމަ އެ މަސައްކަތަށް ހީނަރުކަން އަންނާނެ ކަމަށާއި އެހެންކަމުން މި ޕްލޭނަށް ހިޔާލު ދިނުމަށް އެންމެންވެސް ބައިވެރިވުމަށް ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އެދިއްޖެއެވެ.

އެ ކުންފުނިން މި ގޮތަށް އެދިފައިވަނީ، ގާނޫނު އަސާސީއާއި ހެދިފައިވާ ގަވައިދުތަކާއި އެއްގޮތައް އަމަލުނުކުރާކަމަށް ބުނެ އެމްޑީޕީން ގައުމީ ތަރައްގީގެ ޕްލޭނުގައި ބައިވެރިނުވާން ނިންމުމާއި ގުޅިގެންނެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ނެޝަނަލް ޑިވެލޮޕްމަންޓް ފޯމިއުލޭޝަން ޕްލޭން ޕްރޮޖެކްޓުގެ ލީޑަރު އަދި ނެކްސިއާގެ މެނޭޖިން ޑިރެކްޓަރު ހާމިދު ސާދިގު ވިދާޅުވީ ދުރު މުސްތަގުބަލެއްގެ ޕްލޭނެއް އޮތުމަކީ އެ ބަޔަކު ކުރާ މަސައްކަތެއްގައި ވަކި ދިމާލަކަށް ވާސިލުވުމަށް މުހިންމުކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، މި ޕްލޭނުގައި ބައިވެރިނުވުމުން ޕްލޭނަށް ހީނަރުކަން އަންނާނެކަމަށާއި ގައުމެއްގެ ތަރައްގީއަށް ރައްޔިތުންގެ މަޝްވަރާއަކީ މުހިންމު އެއްޗެއްކަމަށެވެ.

ނެކްސިއާ އިން ބުނެފައިވަނީ މިޕްލޭންގެ މަސައްކަތް ކުރިއަށް ގެންދާނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ހިޔާލު ހޯދާނެ ކަމަށެވެ. އަދި، މަސައްކަތް ކުރާނީ ރައްޔިތުން ހާސިލުކުރަން ބޭނުންވާ ކަންތައްތައް ހިމެނޭ ތަރައްގީގެ ޕްލޭނެއް ހެދުމަށްކަން ފާހަގަކޮށް ނެކްސިއާ އިން ބުނީ މި ޕްލޭނަށް ޒުވާނުންގެ ހިޔާލު ވަރަށް މުހިއްމުކަމަށެވެ.

'ވިލުންތެރި ރާއްޖެ 2045'ގެ ނަމުގައި ގައުމީ ތަރައްގީގެ ޕެލޭން އެކުލަވާލަން ސަރުކާރުން ނެކްސިއާ މޯލްޑިވްސްއާ ހަވާލުކުރީ 17.9 މިލިއަން ރުފިޔާއަށެވެ.