ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިފަދައިން ނިންމާފައި ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވި ގޮތުގައި ގައުމީ ތަރައްގީގެ ޕްލޭން ހަދާނެ ގޮތާއި އެކަން ކުރިއަށް ގެންދާނެ ގޮތުގެ ނިންމުންވެސް އިއްޔެގެ ބައްދަލުވުމުގައި ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އެކިއެކި ސްޓޭކް ހޯލްޑަރުންނާއި އެކްސްޕާޓުންގެ ފުރިހަމަ ބައިވެރިވުމާއި މަޝްވަރާ މިކަމުގައި ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެހެންމެ މި ޕްލޭނަކީ ގާނޫނީ ބާރުވެރިކަމާއި ގާނޫނީ ހިމާޔަތްތެރިކަން ލިބިގެންދާނެ ޕްލޭނަކަށް ހެއްދެވުމަށް ވަކިން ހާއްސަ ގާނޫނެއް އެކަމަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިކަމުގެ އެންމެ ބޮޑު މަގްސަދަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެއްކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ތަސައްވަރު ކުރިއަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅުމެވެ.
20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެއްވެސް މެއެވެ. އަދި އެކަން ކުރައްވާނެ ކަމަށް ރައީސް ވަނީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ވަނީ ވިދާޅުވެފައެވެ.
މިކަމުގެ އަސްލެއް ކަމުގައި ރައީސް އޭރު ވިދާޅުވީ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމަށް ޖާގަ ނުދިނުމަށެވެ. އަދި އެކަމުގައި ހުރިހާ އެންމެންވެސް ބައިވެރި ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭކާރު ވަގުތާ ބޭކާރު ޚަރަދެއް .... ކުރީގައި ހަދާފަ އޮތް އެއްޗަކަށް ފަހުން އަންނަ ބަޔަކު އަމަލުކުރާތަނެއް މިހާތަނަކަށް ފެނިފައެއް ނެތް