ގާނޫނު އަސާސީއާއި ހެދިފައިވާ ގަވައިދުތަކާއި އެއްގޮތައް އަމަލުނުކުރާކަމަށް ބުނެ ސަރުކާރުގެ ގައުމީ ތަރައްގީގެ ޕްލޭންގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފިއެވެ.

މިކަން ބަޔާންކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާކަމަށް ބަޔާންކޮށް، ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެމްޑީޕީއާ ބައްދަލުކުރުމަށް އެދިފައިވާ ކަމަށެވެ.

ނަމަވެސް އެމްޑީޕީން ބުނީ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން މިހާރު ކަންކަން ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވާކަމަށާއި، އެގޮތުން މި ޕްލޭން އެކުލަވާލަނީ ކިހިނެތް ކަމެއް އަދި ނިންމުންތައް ނިންމުމުގައި މަޝްވަރާކޮށްފައި ވަނީ ކޮންކޮން ފަރާތްތަކަކާ ކަންވެސް އެނގެން ނެތް ކަމަށެވެ.

އަދި ސަރުކާރުން އެބުނާ ފަދަ ޕްލޭނެއް އެކުލަވައިލައްވާނެ ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވުމަށްފަހު، އެއްވެސް ޕްލޭނެއް ނެތި މިހާރުވެސް އެއާޕޯޓް އެޅުމާއި އުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނުކުރުމުގެ އިތުރުން ފަށާފައި ނުނިމި އެތައް ކަމެއް ހުރިކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އަތޮޅު ކައުންސިލުތައް އުވާލުމަށް އަދި ރަށްރަށުން މީހުން ބަދަލުކުރުމަށްވެސް ދަނީ އިއުލާނުކުރަމުންނެވެ. މިހެންކަމުން، ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް މި ޕާޓީން ނުދެކެމެވެ. އަދި އެކަމުގައި، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށްވެސް ނުދެކެމެވެ.
އެމްޑީޕީ

އެ ޕާޓީން އިތުރަށް ބުނީ ސަރުކާރުން ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށާއި، ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ، ކުރިންސުރެ އެކަށައަޅައިފައިހުރި ހަރުދަނާ އުސޫތައްވެސް ކުއްލިއަކަށް ދަނީ ބަދަލުކުރަމުން ކަމަށެވެ. އެހެންކަމުން އަލުން އެކުލަވައިލާ ޕްލޭނަކަށް ޢަމަލުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ބުނެ އެމްޑީޕީން ބުނީ މި ވަގުތު އެ ކަމުގައި ބައިވެރިވުމަކީ ބޭނުންތެރިކަމެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.