އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމުކުރުމުގެ މުހިންމު މަޝްރޫއުއް ކުރިއަށް ގެންދިއުމަށް، ޗައިނާ މެޝިނަރީ އިންޖިނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަ ކުރި ގޮތުގައި މި ފަހުމުނާމާގެ ދަށުން، މި މަޝްރޫއުގެ ތަފްސީލީ މާސްޓާ ޕްލޭނާއި، މާލީ އަދި އިގްތިސާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން، މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލްއާއި ފައިނޭންސް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
މިއީ ގައުމުގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ، އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫއަކަށް ވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިފަދަ މަޝްރޫއެއް ފެށުމުގެ މައިގަނޑު މަގްސަދަކީ އައްޑޫގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރި ސީއެމްއީސީ އަކީ މީގެ ކުރިން ވެސް ގިނަ ކާމިޔާބު މަޝްރޫއުތަކެއް ރާއްޖޭގައި ކޮށް އަދި މިހާރުވެސް ކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން ކ. ގުޅީފަޅުގައި ހިއްކައި އާބާދުކުރާ ބިމުގެ މަގުތައް ހެދުމާއި ބޭނުންވާ މުނިސިޕަލް އިމާރާތްތައް އެޅުމުގެ މަސައްކަތަކީ ވެސް ފާހަގަ ކޮށްލެވޭ މަސައްކަތެކެވެ.