މި ނިމުނު އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވެގެން ދިޔަ އިރު ފަސް މެންބަރަކު މާލީ ބަޔާން ހުށަނަޅާ ކަމަށް ރިޕޯޓުކުރުމާއެކު އެކަމާ ހިންހަމަނުޖެހި ވަޑައިގެން މީޑިއާ ކޮމިޝަން ބިލު އަވަހަށް ފާސްކުރަން ޖެހޭ ކަމަށް އެ ފަސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާއްމުކުރި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި، ނަމަވެސް ބައެއް މީޑިއާތަކުން މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ މާލީ ބަޔާންތަކަށް މިދިނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

ނިޒާރު ވިދާޅުވީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މާލީ ބަޔާން، އެ އޮންނަ އުސޫލުގެ ތެރެއިން އާއްމުކުރަމުންދާ ކަމަށާއި ގަވާއިދާއި އެއްގޮތަށް އަމަލުނުކުރާ މެންބަރުންނާމެދު މަޖިލީހުން ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މަޖިލީހުން މިފަދަ ފިޔަވަޅެއް ނާޅަނީސް މީޑިއާތަކުގައި ލިސްޓު ހަދާ އާންމުކޮށް ޝާއިއުކުރުން ނިޒާރު ވަނީ ކުށްވެރި ކުރައްވާފައެވެ.

އެއާއެކު ނިޒާރު ވަނީ ކޮމިޓީ މަރުހަލާގައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިއަސް އަވަސްކުރަން ގޮވާލައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި މާލީ ބަޔާން ހުށަހަޅަން ޖެހޭ ސުންގަޑި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައިވާއިރު، މަޖިލީހަށް މާލީ ބަޔާން ހުށަހެޅުއްވީ 88 މެންބަރުންނެވެ. މާލީ ބަޔާން ހުށަނާޅާ 5 މެމްބަރަކު އެބަތިއްބެވެ. އެއީ:

  • ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު (ޕީއެންސީ)
  • ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް (ޕީއެންސީ)
  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް (ޕީއެންސީ)
  • މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
  • މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު (ޕީއެންސީ)

މީޑިއާ ކޮމިޓީ ބިލާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލާ އިހުތިޖާޖުވެެސް ކޮށްފައިވާއިރު، މި ބިލުގެ ސަބަބުން ހިޔާލުފާޅުކުރުމަށް ހުރަސްއެޅި ސަރުކާރު ޖަވާބުދާރީކުރުވަންވެސް ހުރަސްއެޅިގެން ދާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ބުނެފައިވެއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މި ބިލު މިހާރު ދިރާސާކުރާ މަރުހަލާގައި އޮތްއިރު، އެޗްއާރްސީއެމްއިން މި ބިލަށް ހުށަހެޅި ހިޔާލުގައި ބުނެފައިވަނީ މި ބިލަކީ ނޫސްވެރިކަން ދައުލަތުގެ ބާރުގެ ދަށަށް ދާނޭ ބިލެއް ކަމަށާއި އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލާއި ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބައެއްގެ ނުރުހުން ސަރުކާރާއި، ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެންބަރުންނަށް އަމާޒުވެފައިވާއިރު މި ބިލުގެ މައްސަލަ ވަރަށް ބޮޑަށް ވަނީ ހޫނުވެސްވެފައެވެ.