ގދ. ތިނަދޫގައި ސަރުކާރުން އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިއީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއާއި ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ހިނގާ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު ހެނދުނު 9:00 އިން ފެށިގެން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށް ރޯހައުސްއަށް އެދި މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.
ތިނަދޫ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް އެދި މިދިޔަ ޖެނުއަރީ މަހު ވެސް ހުޅުވާލާފައި ވެއެވެ. ނަމަވެސް އެ އިއުލާނަކީ ހުއްދަ ނުނަގައި ކުރި އިއުލާނެއް ކަމަށް ބުނެ އިއުލާނު ބާތިލު ކުރަން ހައުސިން މިނިސްޓްރީން އެންގުމާއެކު އެ އިއުލާން ވަނީ ބާތިލް ކޮށްފައެވެ.
ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅަން ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއާ ހަވާލުކޮށްފައިވަނީ 540 މިލިއަން ރުފިޔާގެ އަގަކަށެވެ.
މި ހައުސިން ޔުނިޓުތައް އަޅަން ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ ޖާގައެއްގައި ދެ ފަންގިފިލާގެ ރޯހައުސްތަކެއްގެ ގޮތުގައެވެ. ތިން ކޮޓަރިއާއި، ތިން ފާހަނާ، ސިޓިން ރޫމް، ކާގެ އާއި ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ކޮންމެ ރޯ ހައުސެއްގައި ހުންނާނެއެވެ.
މިނިސްޓްރީން ބުނީ އެ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއުމުކުރާނެ ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ބޭރު ފެންނާނެހެން ބެލްކަންޏެއް ވެސް ހުންނާނެކަމަށް ވަނީ ބުނެފައެވެ.