ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޗެއާޕާސަންގެ މަގާމަށް މުހައްމަދު ޝަރީފް އަދި މެނޭޖިންގް ޑިރެކްޓާރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަންކޮށްފިއެވެ.

އެކަން އިއުލާންކޮށް އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި އެ ކޯޕަރޭޝަނުން ވަނީ އަލަށް ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރި ޝަރީފްއަށް މަރުހަބާ ކިޔާފައެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯގެ މަގާމު ވެސް ފުރުއްވަމުންދާ ޝަރީފް މި މަގާމަށް އައްޔަން ކުރެއްވިއިރު ދާދިފަހުން ވަނީ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލާފައެވެ. ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމުގެ މަގްސަދަކީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގްތިސާދަށް ފުދުންތެރިކަން އިތުރު ކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އަދި ހަމަ އެހެންމެ އެ ކޯޕަރޭޝަންގެ މޭނޭޖިންގް ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް އައްޔަންކުރި ބަދުރުއްދީނަށް ވެސް ވަނީ އެ ކޯޕަރޭޝަނުން ވަނީ މަރުހަބާ ކިޔާފައެވެ. ބަދުރުއްދީން މީގެކުރިން ހުންނެވީ ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގަ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި ސަބްސިޑަރީ މެދުވެރިކޮށް 500 މިލިޔަން ރުފިޔާގެ ފައިނޭންސިންގް ދޫކުރުމެވެ. އަދި މުޖުތަމައުގެ ތަރައްގީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށްޓަކައި މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިންގް އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް 3 އަހަރުގެ ތެރޭގައި 300 މިލިޔަން ރުފިޔާ އިންވެސްޓްކުރާނެއެވެ.

އެސްޑީއެފްސީ، ބީއެމްއެލުން ގަތް ނަމަވެސް އެ ކުންފުނިން ހިންގަމުން އައި އެސްއެމްއީ ބޭންކުން ފޯރުކޮށްދެމުން ދިޔަ ލޯނުތައް ހަމަ އޭރު ވެސް ދެމުން ދިޔަ އިންޓްރެސްޓް ރޭޓުގައި ދަނީ ފޯރުކޮށްދެމުންނެވެ.