މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކުރަން ގޮވާލައި، 151 ނޫސްވެރިންގެ ސޮޔާއެކު ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ހުށަހަޅައިފިއެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖީލީހަށް ހުށަހަޅާފައިވާ އެ ބިލު ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ އެ ބިލާ ދެކޮޅަށް ރައްޔިތުން މަޖިލިސް ދޮށުގައި ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.
މީޑިއާ ބިލު ބޭރުކޮށްލުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނުގައި ފާހަގަކޮށްފައި ވަނީ:
-
ބިލު ފަރުމާކޮށްފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހައްގުތައް ހަނިވާ ގޮތަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަށް މުޅި މީޑިއާގެ ކޮންޓްރޯލްދާ ގޮތަށް ކަން
-
ބޭރުގެ ގައުމުތަކުގެ ބްރޯޑްކާސްޓިން ގާނޫނުތަކެއް ނަމޫނާއަކަށް ބަލައިގެން ކަމަށްވާތީ ނޫސްވެރިންގެ އަސާސީ ހައްގުތައް ހަނިވެގެންދާ ކަން (އެ ގައުމުތަކުގައި ވެސް ނޫސްވެރިކަމުގެ ދާއިރާ ބެލެހެއްޓުމަށް ސެލްފް ރެގިއުލޭޓަރީ ބޮޑީތައް އޮންނަކަން)
-
ބިލު ގާނޫނަކަށްވެ، އުފެދޭ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުން ހިމެނޭއިރު، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު ކަމަށްވާ ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަރަށް ބޮޑަށް ވަންނާނެކަން
-
ކޮމިޝަނުން މައްސަލަ ބަލަމުންދާ ވަގުތު، ވަގުތީ ގޮތުން ލައިސަންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން ނޫސްތަކަށް ޓާގެޓްކޮށް ވަކި މުއްދަތެއް ނެތް ގޮތަށް ނޫސް އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އޮތްކަން
-
ސަރުކާރު ޖަވާބުދާރީކުރުވުމާއި ޒިންމާދާރުކުރުވުމަށް ބިލުން ވަރަށް ބޮޑު އުނިކަމެއް ގެނެސްފައިވާ ކަމާއި ވަކިވަކި ނޫސްވެރިންނާ މެދު ޖިނާއީ އަދަބުތައް ކަނޑައެޅޭ ގޮތަށް ހިމަނާފައިވާތީ ނޫސްވެރިންގެ ކަންބޮޑުވުން އޮތްކަން
-
ނޫސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހިމަނާފައިވަނީ ނޫސްވެރިންނާއި ދާއިރާގއި ހަރަކާތްތެރިވާ ފަރާތްތަކުގެ ބަހެއް ނެތިކަން
އެފަދަ ބިލެއް ގެނައުމުގައި ނޫސްވެރިންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް މީގެކުރިން ބަންޑާރަ ނައިބު ވިދާޅުވެފައިވާކަން ފާހަގަކޮށް އެ މަޝްވަރާ ކުރިއަށް ގެންދިއުމަށް ވެސް އެ ޕެޓިޝަންގައި ގޮވާލާފައިވެއެވެ.