ސައުދީ އަރަބިއްޔާގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ފުޓުބޯޅަ ޓީމު ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމައިފިއެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނާ ބައްދަލު ކުރައްވާފައިވާކަން ހާމަކޮށް ސްޕޯޓްސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ މިއީ ފަލަސްތީނާއި ރައްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށާއި، މިއީ ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ކުރެވޭ މުހިންމު ކަމެއް ކަމަށެވެ. އިތުރަށް އެ މިނިސްޓްރީން ބުނީ މިކަމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވިފައިވާކަމަށެވެ.

އެފްއޭއެމް އިން ހާމަކޮށްފައިވާ ގޮތުގައި އޭޝިއަން ކަޕްގެ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމު ރާއްޖޭގައި ކޭމްޕުކުރުމަށް އަންނާނީ ނޮވެމްބަރު މަހުގެ 8 އިން 19 އަށެވެ. މި މުއްދަތުގައި ފަލަސްތީނުގެ ޓީމާއެކު ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވެސް ހަމަޖެހިފައިވާކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި މުބާރާތުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ އިންޑިއާ، ޗައިނީސް ޓައިޕޭ، އިރާން އަދި ލުބުނާނެވެ. ކޮލިފައިން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 22 އިން 30 އަށެވެ.