ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސެގްމެންޓް 1 ސަރަހައްދުގެ ޖެޓީ ތަޅާލައި ފުޅާ ކުރަން ބޭނުންވާ ފަޅުގެ ސަރަހައްދަށް ވެލި އަޅަން ފަށައިފިއެވެ.
މާލެގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ސަރަހައްދަކީ ކާރޫބާރު ބޮޑު ސަރަހައްދެެކެވެ. މުދާ އުފުލާ އުޅަނދުތައް އާންމުކޮށް ވަދެ ނިކުމެ ހަދާ އެ ސަރަހައްދުގައި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓް ވެސް ހިމެނޭ ސަރަހައްދު ކަމުން އެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވާ ވަގުތުތައް ގިނައެވެ.
އެއާއެކު އެ މައްސަލައަށް ހައްލު ހޯދާ ދިނުމަށް ޒަމާނީ ފެންވަރަށް އެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެއާއެކު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ނިމިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ.
އެގޮތުން މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަގެންދާ ގޮތް ބެއްލެވުމަށް، އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީ މިއަދު އެ ސަރަހައްދަށް ވަޑައިގެންފައެވެ. މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލު ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ، އެ ސަރަހައްދުގެ ފަޅުގެ ސަރަހައްދުގެ 72 މީޓަރު ޝީޓް ޕައިލްކުރުމުގެ މަސައްކަތްކޮށް، އެ ސަރަހައްދުގެ އެއްގަމު ތޮށި ބޭރަށް ޖެއްސުމަށްޓަކައި ކޮންކްރީޓް ޖެޓީ ތަޅާލުމުގެ މަސައްކަތް އެއްކޮށް ނިންމާފައިވާ ކަމަށެވެ.
އަދި މަގު ފުޅާ ކުރަން ބޭނުންވާ ފަޅުގެ ސަރަހައްދަށް ވެލި އަޅަން ފަށާފައިވާކަން ފާހަގަކޮށް އެ ކުންފުނިން ބުނީ، މި މަޝްރޫއު ވެގެންދާނީ މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސްދޭނެ، އިންގިލާބީ މަޝްރޫއަކަށް ކަމަށެވެ.
ކޮންސްޓަރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 144 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއެކު، 830 މީޓަރުގެ މަގުގައި ތާރު އެޅުމުގެ އިތުރުން ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. އަދި ރޯޑް މާކިން އާއި ސައިން ބޯޑު ހަރުކުރުންވެސް ހިމެނެއެވެ.
މި މަޝްރޫއުއާ ގުޅިގެން އަންނަ އޮކްޓޫބަރު މަހުގެ 13 އާ ހިސާބަށް އެ ސަރަހައްދުގެ މަގާއި ފަޅު ވެސް ވަނީ ބަންދުކޮށްފައެވެ.