ބައިނަލްއަގުވާމީ ނިންމުންތަކުގައި ކުދި ޖަޒީރާ ގައުމުތައް ބައިވެރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިފަދައިން ގޮވާލައްވާފައިވަނީ ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ގްލޯބަލް ގަވަނަންސް އިނީޝިއެޓިވަށް ދިވެހިރާއްޖެއިން ތާއީދުކުރައްވާކަމަށާއި، ބައިނަލްއަގުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުހަލާގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ހިމެނަން ޖެހޭ ކަމަށެވެ.
އިތުރަށް ރައީސް ވަނީ ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ، ދިވެހިރާއްޖެއަކީ ވިލުންތެރި، އަޒުމުވަރުގަދަ ގައުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގއިތުރުން މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖެއިން އަބަދުވެސް ބައިނަލްއަގުވާމީ މައިދާންތަކުގައި ގޮވާލައްވަމުން އަންނަ ގޮވާލުމެއް ތަކުރާރު ކުރައްވާފައެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައިކަމަށާއި، ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުންވެސް އެކުގައި މަސައްކަތްކުރައްވަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ އިސްނެންގެވުމުގެ މަތިން ސަރަހައްދީ ފެންވަރުގައްޔާއި ބައިނަލްއަގުވާމީ ފެންވަރުގައި އަމާންކަމާ ހަމަޖެހުމަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ފާހަގަކުރެވޭ ގޮތުގައި ޗައިނާގައި މިހާރު ކުރިއަށްދާ އެސްސީއޯ ޓިއަންޖިން ސަމިޓަކީ 31 އޮގަސްޓް އިން ސެޕްޓެމްބަރު 1، 2025 އަށް ޗައިނާގެ ޓިއަންޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސްސީއޯގެ ހެޑްސް އޮފް ސްޓޭޓް ކައުންސިލްގެ 25 ވަނަ ބައްދަލުވުމެވެ.
މިއީ ޗައިނާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސަމިޓަކަށް ވާއިރު މިފަހަރު އެއީ އެސްސީއޯ ސަމިޓް ބާއްވާ 5 ވަނަ ފަހަރެވެ. އެސްސީއޯ ފެށުނީ 1996 ވަނަ އަހަރު "ޝަންހާއީ ފައިވް"ގެ ނަމުން ނަންދީފައިވާ ސެކިއުރިޓީ އެލަޔަންސެއްގެ ގޮތުގައެވެ. ޗައިނާ، ރަޝިއާ، ކަޒަކިސްތާން، ކިރްގިސްތާން އަދި ތަޖިކިސްތާނުން ފިނި ހަނގުރާމައަށްފަހު އެ ޖަމާއަތް އުފެއްދީ ބޯޑަރުގެ މައްސަލަތައް ހައްލުކުރުމަށެވެ.