މީޑިއާ ރެގިއުލޭޓް ކުރުމަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ހިޔާލުފާޅުކުރުމަށް ހުރަސްއެޅި ސަރުކާރު ޖަވާބުދާރީކުރުވަންވެސް ހުރަސްއެޅިގެން ދާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން މިއަދު ބުނެފިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މި ބިލު މިހާރު ދިރާސާކުރާ މަރުހަލާގައި އޮތްއިރު، އެޗްއާރްސީއެމްއިން މި ބިލަށް ހުށަހެޅި ހިޔާލުގައި ބުނެފައިވަނީ މި ބިލަކީ ނޫސްވެރިކަން ދައުލަތުގެ ބާރުގެ ދަށަށް ދާނޭ ބިލެއް ކަމަށާއި އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.

މި ބިލުގެ ސަބަބުން ހިޔާލުފާޅުކުރުމާއި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްއެޅޭނެކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުމާއެކު އެޗްއާރްސީއެމް އިން މި ބިލަށް 20 އިސްލާހެއް ހުށަހަޅާފައިވެއެވެ. އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި، މީޑިއާ ކައުންސިލް އެއްކޮށްލުމަކީ ކަންބޮޑުވާ ކަމެއް ކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ވަނީ އެ ދެ ނިޒާމަކީ ވަކިން އޮންނަ ދެ ނިޒާމުގެ ގޮތުގައި ބޭއްވުމަށް ހުށަހަޅާފައެވެ.

މީގެއިތުރުން ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ދަފުތަރެއް ބެލެހެއްޓުމަށް ބިލުގައި ކަނޑައެޅުމަށާއި، ހާރު ބިލުގައި 'މަޖައްލާއަށް' ދީފައިވާ މާނަކުރުން އިސްލާހުކޮށް މަޖައްލާގެ ގޮތުގައި ބަލާނެ ތަކެތި މިހާރަށްވުރެ ހަނިކުރުމަށްވެސް އެޗްއާރްސީއެމް އިން ވަނީ ހުށަހަޅާފައެވެ. އަދި ނޫސްތަކުން އާއްމުކުރާ މައުލޫމާތުގެ ތެދު ދޮގު ކަނޑައެޅުމަށްޓަކައި ހެކި ވަޒަންކޮށް ސާބިތުކުރުމުގައިގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ މުހިންމުކަންވެސް އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް އެޗްއާރްސީއެމް އިން ބުނެފައިވަނީ އިނގިރޭސިވިލާތުގައި ޕްރިންޓް މީޑިއާ ބަލަހައްޓަނީ އައިޕީއެސްއޯ ފަދަ މިނިވަން މުވައްސަސާތަކުން ކަމަށާއި، އެމެރިކާއާއި ކެނެޑާ އަދި ޔޫރަޕިއަން ޔޫނިއަންގައިވެސް އޮންލައިންކޮށް ހިޔާލުފާޅުކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ބަލައިގަންނަ ކަންކަން ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލާއި ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބައެއްގެ ނުރުހުން ސަރުކާރާއި، ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެންބަރުންނަށް އަމާޒުވެފައިވާއިރު މި ބިލުގެ މައްސަލަ ވަރަށް ބޮޑަށް ވަނީ ހޫނުވެސްވެފައެވެ.

މި ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން އިހުތިޖާޖުވެސް ކޮށްފައިވާއިރު، މިއަދު ވަނީ ވަކިވަކި ނޫސްވެރިންނާ ކޮމިޓީން ބައްދަލުކޮށް ހިޔާލު ހޯދާފައެވެ.