ނޫސްވެރިންނަށް އެކި އިންޒާރުތައް ލިބެމުންދާ ކަމަށް ބުނުމުން އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މިފަދައިން ނިންމާފައި ވަނީ މީޑިއާތަކުގެ ރެގިއުލޭޓް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމުގެ ތެރެއިން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ނޫސްވެރިން ހާޒިރުކޮށް، ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައެވެ.

ބައްދަލުވުމުގައި ބައިވެރިވާން ކުރިއާލާ ރަޖިސްޓްރީވާން މަޖިލީހުން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ނޫސްވެރިން ބައިވެރިވެފައިވާއިރު ކޮމިޓީގައި ވާހަކަ ދެއްކި ބައެއް ނޫސްވެރިން ވަނީ އެ މީހުންނަށް މަރުގެ އިންޒާރު ލިބެމުގެ އިތުރުން ވެސް އެކި ކަހަލަ އިންޒާރުތައް ދެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއާއެކު ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް ވަނީ އެފަދަ މައްސަލަތަކަކީ ކޮމިޓީން އަމިއްލަ އަށް އިސްނަގައިގެން ފުލުހަށް ހުށަހަޅަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

މީޑިއާ ކޮންޓްރޯލް ބިލް ދިރާސާކުރާ ކޮމިޓީގައި މިއަދު މީޑިއާތަކުން ބައިވެރިވި ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

އަދި އެފަދަ ނުރައްކާތައް ކުރިމަތިވަނީ ކޮން ނޫސްވެރިންނަކަށްތޯ ސާފުކޮށް، އެފަދަ ކަމެއް ކުރިމަތިވެފައިވާ ނޫސްވެރިން އެކަން ލިޔުމުން ކޮމިޓީ އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. މީކާއިލް ހިށަހެޅުއްވި މި ކަމަށް ކެލާ ދާއިރާގެ ޕީއެންސީގެ މެމްބަރު މެމްބަރު އަބްދުﷲ ޝަރީފް ތާއީދު ކުރެއްވާފައެވެ.

ގާނޫނުއަސާސީގެ ވަރަށް ގިނަ ހައްގުތައް ހަނިވާ ގޮތަށް އަދި ގާނޫނީ މަފުހޫމުތަކާ ވެސް ހިލާފަށް ގިނަ މާއްދާތަކެއް އޮތް އެ ބިލު އިސްލާހުކުރުމަކީ ކުރެވޭ ވަރަށް ވުރެ އުނދަގޫ ކަމެއް ކަމަށް ކޮމިޓީގައި ހުރިހާ މީޑިއާތަކަކުން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ހަމަ އެހެންމެ އިއްޔެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން ވެސް މި ބިލާ ދެކޮޅުކަން ހާމަކޮށްފައި ވެއެވެ.

އަދި ބިލުގެ ސަބަބުން ހިޔާލުފާޅުކުރުމަށް ހުރަސްއެޅި ސަރުކާރު ޖަވާބުދާރީކުރުވަންވެސް ހުރަސްއެޅިގެން ދާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ވެސް ވަނީ ބުނެފައެވެ. މި ބިލުގެ ސަބަބުން ހިޔާލުފާޅުކުރުމާއި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްއެޅޭނެކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުމާއެކު އެޗްއާރްސީއެމްއިން މި ބިލަށް ވަނީ 20 އިސްލާހެއް ހުށަހަޅާފައެވެ.