ނިމިދިޔަ އޮގަސްޓް މަހު ވޭޕާއި ގުޅޭ އެކިއެކި މައްސަލަތަކުގައި، 150،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް އެކުލަވާލާފައި ވަނީ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. އެގޮތުން ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 30 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު މި ޖޫރިމަނާތަކުގެ އަދަދު ޖުމްލަ 150،000 ރުފިޔާއަށް އަރައެވެ.

އޮގަސްޓު މަހު ޖޫރިމަނާ ކުރި ގޮތުގެ ތަފްސީލުތަކަކީ:

  • ވޭޕް ބޭނުންކުރުމުގެ މައްސަލައިގައި 14 މީހަކު 85,000 ރުފިޔާއިން ޖޫރިމަނާކުރި
  • ވޭޕް ގެންގުޅުމުގެ މައްސަލައިގައި 16 މީހަކު 65,000 ރުފިޔާއިން ޖޫރިމަނާކުރި

މިއީ ޖުލައި މަހާ އަޅާ ބަލާއިރު 32،000 ރުފިޔާގެ އިތުރު މިންވަރެކެވެ. ވޭޕްގެ މައްސަލަ ތަކާއި ގުޅިގެން ޖުލައި މަހު ޖޫރިމަނާކުރި އަދަދު 127،000 ރުފިޔާއަށް އަރައެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފެށީ 2024 ވަނަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.

އަދި މިހާރު ގާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.