ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާ ސަރަހައްދާ ކައިރިން ޑައިވް ނުކުރަން އެޗްޑީސީއިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީއިން ބުނީ ރަސްމާލެ ބިންހިއްކުމުގެ މަޝްރޫއުގެ ބިން ހިއްކުމަށް ވެލިނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާތަކުގައި އަދި ބޮރޯ އޭރިއާ އާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރެކްޓަރުގެ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

ސައިޓާ ދޭތެރޭ ކޮންޓްރެކްޓަރުގެ ޑްރެޖަރު ދަތުރުކުރާނެ ރޫޓްގެ ޗާޓެއް އެޗްޑީސީއިން ވަނީ އާންމުކޮށްފައެވެ.

ޑްރެޖަރު ރޫޓު

އެޗްޑީސީއިން ބުނީ އެ ޗާޓުގައި ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި އުޅަނދު ފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އެ ސަރަހައްދުގައި ޑައިވްނުކުރުމަށާއި އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުކުރުމަށް ވެސް އެޗްޑީސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެ ހިއްކަން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު 18 ގައެވެ. އެ މަސައްކަތް ހަލުވިކޮށް ކުރިއަށް ގެންދިޔުމަށް މިހާރު ވަނީ 21،000 ކިއުބިކް މީޓަރުގެ ޑްރެޖަރެއް މިހާރު ގެނެސްފައެވެ.

މިހާރު ކުރިއަށްދަނީ ރަސްމާލެ ސައިޓް "ސީ"ގައި ހިމެނޭ 190 ހެކްޓަރާއި "އީ"ގައި ހިމެނޭ 75 ހެކްޓަރު ހިމެނޭޙެން ޖުމްލަ 265 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.