މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގރެގިއުލޭޝަން ބިލު ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖީލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލާ ދެކޮޅަށް ރައްޔިތުން މަޖިލިސް ކައިރީ ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް މި ބިލު ބަލައިގަތުމަށް 49 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. މި ބިލު ބޭރުކޮށްލުމަށް 12 މެންބަރުން ވޯޓު ދެއްވާފައިވާއިރު ބިލު ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެވެ.

މިއަދު މަޖިލީހުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ، މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި މާއްދާތަކެއް ހިމަނާފައިވާ އެ ބިލު ބަލައިނުގަންނަ ކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުންވެސް ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މި ބިލާއި ގުޅިގެން ނޫސްވެރިން ކަންބޮޑުވުންފާޅުކުރަމުން އަންނައިރު ބިލް ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް އެއިރެއްގައި އޮންނަ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށެވެ. އަދި ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސްއެޅި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ގިނަ މާއްދާތަކެއް ހިމަނަފާއިވެއެވެ.

މި ބިލާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރެއްވި، އަދި ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.