ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު ބަލި ކަމަށް ބަލައި ޝަރުތުތަކާ އެކު ދޫކޮށްލި އަމުރު ހައި ކޯޓުން ބާތިލްކޮށްފިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ދެކުނުގެ ރަށަކަށް ނިސްބަތްވާ މި މިހާގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައެވެ. ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ފެންނާތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށް، އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭގެ ފަހުން އޭނާގެ ފަރާތުން ކޯޓަށް މެޑިކަލް ލިޔުންތަކެއް ވަނީ ހުށަހަޅާފައެވެ. އަދި އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށާއި ކޮންމެ ތާކަށް ދިޔަޔަސް ދަނީ މީހަކާ އެކީގައި ކަމަށް ބުނެފައިވެއެވެ. އެހެންވެ އޭނާ އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެމީހާ ހުށަހެޅި މެޑިކަލް ލިޔުންތަކުގައި އޭނާ އަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށާއި ދެ ކިޑްނީގައި މައްސަލަ ޖެހިފައިވާ މީހެއް ކަމަށް ބުނެފައިވެއެވެ. އަދި ތައިރޮއިޑް ބައްޔާއި ރާއްޖެ ބައްޔާއި ނަފްސާނީ ބައްޔާއި ހިތުގެ ބައްޔަށް ވެސް ފަރުވާ ހޯދަމުން އަންނަ މީހެއްކަން ފާހަގަކޮށް އޭނާ ހައްޔަރުކުރީ ކެންސަރަށް ޓެސްޓުކުރުމަށް ޑޮކްޓަރު ލަފާ ދީފައިވަނިކޮށް ކަމަށް ބުނެފައިވެއެވެ. މެޖިސްޓްރޭޓް ކޯޓުން ނިންމީ ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަމުގައި ފުލުހުންގެ ހުއްދައާ އެކު ބޭރަށް ދެވޭ ގޮތަށް އަދި އަނިޔާ ލިބުނު ކުއްޖާ އާއި އެ ކުއްޖާގެ އާއިލާ އާއި ރައްޓެހިންނާ މުއާމަލާތު ނުކުރުމުގެ އިތުރުން އަންގާ ދުވަސްތަކަށް ކޯޓަށް ހާޒިރުވުން ފަދަ ކަންކަމަށް ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށެވެ.
މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން ، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު ހައި ކޯޓުން ކުރި ހުކުމުގައިވަނީ ބަލި ހާލަތާ ބެހޭ ގޮތުން ހުށަހަޅާފައިވާ ލިޔުންތަކުގައި އޭނާގެ ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށް ބުނަނީ ކޮން ލިޔުމަކަށް ބަލައިގެންތޯ ސުވާލުކުރުމުން، އެއަށް ޖަވާބެއް ދެވިފައިނުވާ ކަމަށެވެ. އަދި އޭނާ އަކީ މިހާރުވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް މީހެއް ކަމަށް ބަލައި ހައި ކޯޓުންވަނީ އޭނާ ބަންދުން ދޫކޮށްލަން ނެރުނު އަމުރު ބާތިލްކުރުމަށެވެ.