ހދ. ނޭކުރެންދޫގައި ފަތާ ޓްރެކެއް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީ އިން ބުނީ 1465 މީހުންގެ އާބާދީއެއް އުޅޭ ނޭކުރެންދޫއަކީ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންގެ އާބާދީބޮޑު ރަށަކަށްވުމާއެކު ރަށުގައި ފަތާ ޓްރެކެއް ތަރައްގީ ވުމަކީ ކަސްރަތު ކުރުމަށާއި މުނިފޫހިފިލުވުމަށްވެސް ހުޅުވޭ އިތުރު ދޮރެއް ކަމަށެވެ.
އެމްޓީސީސީ އިން ބުނީ މިމަޝްރޫއަކީ 8.72 ލައްކަ ރުފިޔާއަށް 120 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ކަމަށާއި، ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރު އަބްދުﷲ ރާފިއު ކަމަށެވެ.
ފާހަގަކުރެވޭގޮތުގައި މިއަދު ވަނީ ވައިކަރަދޫ ބަނދަރު ތަރައްގީކުރަންވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫއަކީ 34.40 މިލިއަން ރުފިޔާއަށް 330 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ގިނަ އަދަދެއްގެ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކުރަމުންދާއިރު، އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކުންފުންޏެކެވެ.