ލުއިބުއިމެއް ކަމަށްވާ 'ޑރ. ޕެޕާ' ނުވިއްކައި، ނައްތާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.
އެކަން އިއުލާންކޮށް އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެމެރިކާގައި އުފައްދާ ޑރ. ޕެޕާގައި ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ބެންޒޮއިކް އެސިޑް އިތުރުކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން ޑރ. ޕެޕާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގައިފައިވާ ކަމަށް ވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
ބެންޒޮއިކް އެސިޑަކީ ސޮފްޓް ޑްރިންކްތަކުގައި ބެކްޓީރިއާ ފަދަ މާއްދާތައް އުފެދުން ހުއްޓުވުމަށް ބޭނުންކުރާ ޕްރެޒަވޭޓިވްއެކެވެ.
މި މާއްދާ މާގިނައިން ފެނުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުން އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުންނުކުރުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފައި ވެއެވެ. އަދި ބާޒާރުގައި މިހާރު ހުރި ނަމަ ޑރ. ޕެޕާ ނަގައި، ނައްތާލުމަށް ވަނީ އަންގާފައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ 3034213 އާއި 7603204އަށް ގުޅުމަށް އެދިފައި ވެއެވެ.
ބޭރު ގައުމުތަކުން އެތެރެ ކުރާ އެކި ބްރޭންޑް ތަކުގެ އެކި ބެޗްތަކުގައި މައްސަލަ ދިމާވެ އެފަދަ ބެޗްތައް ނުވިއްކުމަށް މީގެ ކުރިން ވެސް އެމްއެފްޑީއޭއިން އިންޒާރު ދީފައި ވެއެވެ.