ކުރީގެ ޕްލޭނިން އެންޑް ނެޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ހަމްދޫން ހަމީދު ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ އެޑްވައިޒަރަކަށް އައްޔަން ކޮށްފިއެވެ.

އެ މަގާމަށް ހަމްދޫން އައްޔަން ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުނު ނަމަވެސް ސީދާ އޭނާ އެ މަގާމަށް އައްޔަން ކުރި ތާރީހް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ހަމްދޫނަކީ ކުރީގެ ވަޒީރު އަދި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަބްދުالله ހަމީދުގެ ބޭފުޅެކެވެ. އަދި އޭނާ އަކީ ރައީސް މައުމޫން އާއި ރައީސް ޔަމީނަށް ބޮޑުބޭބެ ކިޔުއްވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހަމްދޫން ވަނީ ޕްލޭނިން މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ. ހަމައެއާއެކު ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.