ބޭންކް އޮފް މޯލްޑިވްސްގެ މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނިން ވަނީ މި އަހަރުގެ ސްޓާޓަޕް ގްރާންޓުން 3 ވިޔަފާރިއަކަށް ހިލޭ އެހީ ދިނުމަށް ނިންމާފައެވެ.އެހެން އަހަރުތަކުގައި ބީއެމްއެލް ސްޓާޓަޕް ގްރާންޓް މެދުވެރިކޮށް އެހީ ދެމުން އައިސްފައިވަނީ 2 ވިޔަފާރިއަކަށެވެ.

ބީއެމްއެލްއިން ބުނީ ސްޓާޓަޕް ގްރާންޓް ހާސިލުކުރާ ކޮންމެ ފަރާތަކަށް 500،000 ރުފިޔާގެ ހިލޭ އެހީގެ އިތުރުން، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ބޭނުންވާ ލަފާ ފޯރުކޮށްދޭނެ ކަމަށެވެ. އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ގްރާންޓުން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދައި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 4:00އާ ހަމައަށެވެ. އޭގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ސްޓާޓްއަޕަށް އެދި ހުށަހެޅުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ. މި ގްރާންޓަށް އެދި ހުށަހެޅުމާއި ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު www.bankofmaldives.com.mv/startup-grant އިން ލިބޭނެއެވެ.

ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައި ވަނީ 2022 ވަނަ އަހަރުގައެވެ.