ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ކަނޑައެޅުމަށް މިދިޔަ ސަރުކާރުން ބޭއްވި ގުރުއަތު ލުމުގެ ތެރޭގައި 76 އިން މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފްލެޓް ކަނޑައެޅުމަކާ ނުލައި 75 އިން މަތިން މާކްސް ލިބުނު މީހުންނަށް ގުރުއަތުލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ ހިއްސާކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އަދި ފްލެޓް ލިބުނު މީހުން ބައެއް ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އެ ފަރާތްތަކަށް ފްލެޓް ދޫކުރުމަށް ފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް ނޮވެމްބަރު 16، 2023 ގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި، 76 އަށް ވުރެ މަތިން މާކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް ފާހަގަވެފައިވާ ކަމަށެވެ. އަދި 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައި ނުވަނީސް، 75 އަށް ވުރެ މަތިން މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންކަމުން ކުރީ ސަރުކާރުން ކުރި އިއުލާނުން 76 މާކްސް އަށް ވުރެ މަތިން ލިބުނު ފަރާތްތަކަކީ ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ވާތީ، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައަޅައި އެ މަރްހަލާ ނިމުމުން، 75 މާކްސް ލިބުނު ފަރާތްތަކުގެ ފްލެޓާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.