ގައުމީ މަސްލަހަތު އިސްކޮށް، ގައުމުގެ ތަރައްގީއަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ކޮންމެ ދިވެއްސަކު ވެސް އަޒުމް ކަނޑައަޅަންވީ ކޮންމެ ކަމަކަށްވުރެ ދިވެހި ގައުމު އިސްކުރުމަށާއި އެންމެން އެކުގައި ކުރިއަށް ދިޔުމަށް ކަމަށެވެ. އަދި އެގޮތަށް ކުރިއަށް ގޮސްފިނަމަ އެތައް ތަރައްގީއެއް ހާސިލުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެންމެން އެކުގައި މަސައްކަތްކޮށް ވަށާޖެހޭ ތަރައްގީ ދާދި ފަސޭހައިން ހާސިލުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިސްނުމާއި އުމްރާނީ ތަރައްގީ އެކުއެކީގައި ހާސިލުވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
އަމިއްލަ މަސްލަހަތާއި ޒާތީ ތައައްސަބަށްވުރެ ގައުމު އިސްކުރުމަކީ އަންނާން އޮތް ޖީލުތަކަށް އުފާފާގަތިކަންމަތީ ގައުމު ވާސިލުކޮށް ދިނުމަށްޓަކައި، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށް އެ ރައީސް ވިދާޅުވިއެވެ. އަދި އާ ޓާމިނަލަކީ ތަރައްގީއަށް ވާސިލުވުމަށްޓަކައި އެކުގައި ކުރާ މަސައްކަތްތަކުން ހާސިކުރެވުނު ކާމިޔާބީގެ ރަމްޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އާ ޓާމިނަލްގެ މަސައްކަތުގައި ދިހަވަރަކަށް އަހަރު ދުވަސް ހޭދަވެފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ އެ މަސައްކަތުގެ އެކި މަރުހަލާތަކުގައި ބައިވެރިވި ހުރިހާ ފަރާތްތަކުގެ އަގުވަޒަންކުރައްވާފައެވެ. އެގޮތުން ހާއްސަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނަންފުޅު އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.