ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލަން ނިންމުމުން އެމްޑީޕީއިން އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅުމުން މައްސަލަ ބޭރުކޮށްލައިފިއެވެ.
މިދިޔަ ރަމްޟާން މަހުގެ ތެރޭގައި ސިލްސިލާކޮށް މާލޭގެ މަގުތަކުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ ސާބިތު ނުހިފޭ ތުހުމަތެއް ކޮށްފައެވެ. މި މައްސަަލައިގައި އެމްޑީޕީ، މަރިޔަމް ޒުބައިރުގެ އިތުރުން އެ ޕާޓީގގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ރައީސްގެ އާއިލާއިން ވަނީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިއުތިރާޒުތަކެއް އެމްޑީޕީގެ ފަރާތުން ހުށަހެޅި ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތްތަކުން އެ ދައުވާއަށް ޖަވާބުދާރީވުމަށް ވެސް އެ ކޯޓުން އަންގާފައިވެއެވެ.
ސާޖިދާ ކުރައްވާ ދައުވާތަކަށް ޖަވާބު ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާ ރައްދުވާ ފަރާތްތަކުން ޖަވާބު ހުށަހަޅާފައެއް ނުވުމާއެކު ސާޖިދާގެ ވަކީލު އެދިވަޑައިގެންނެވީ ޣައިރު ހާޒިރުގައި ހުކުމްކޮށް ދިނުމަށެވެ. މައްސަލަ ސާބިތުވާ ކަމަށް އެ ފަރާތްތަކުގެ ޣައިރު ހާޒިރުގައި ހުކުމްކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
މަންދީ އަދި ފައްޔާޒުގެ ފަރާތުން ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމަށް ވެސް އެ ފަރާތްތަކުން ކަނޑައެޅި ވަކީލުން ހާޒިރުވެފައެއް ނުވެއެވެ. ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވުމަށްފަހު ކޯޓަށް ހާޒިރުވެފައިނުވުމުގެ އިތުރުން ހާޒިރުވެވެން ނެތް މަގުބޫލު ސަބަބުވެސް ކޯޓަށް އަންގާފައިނުވާތީ އެ މައްސަލަ ބެއްލެވި 2 ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލަ ވަނީ ބާތިލް ކޮށްފައެވެ.