ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރު އެހީދިނުމަށް ހަމަޖެހިފައިވާ 5 ޖަމިއްޔާ އިއުލާނުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ ބޭންކު ފަންޑުގެ ދަށުން ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރުގެ އިތުރުން މުޖުތަމައު ބާރުވެރިކުރުމަށް ޖުމުލަ 5 ޕްރޮޖެކްޓެއް ހޮވާއިރު، އޭގެ ތެރެއިން ކޮންމެ ޕްރޮޖެކްޓަކަށް 200،000ރ ގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބީއެމްއެލް އިން މި އަހަރު އެހީ ދޭ ޖަމިއްޔާތައް:
- ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް
- ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ
- ފައުންޑޭޝަން ފޯ އޭދަފުށި ޔޫތު ލިންކޭޖް (ފޭލި)
- މޯލްޑިވިއަން ނާސަސް އެސޯސިއޭޝަން
- ޓައިނީ ހާޓްސް މޯލްޑިވް
މި ޖަމިއްޔާތަކުގެ ތެރެއިން ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވަނީ ހުޅުމާލޭގައި ހަކުރު ބަލި ޓެސްޓު ކުރުމާއި، ބަލިން ރައްކާތެރި ވުމަށް ކްލިނިކެއް ގާއިމުކުރުމަށެވެ. އަދި ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އިން ވަނީ ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމުކުރުމަށް ހުށަހަޅާފައެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ވޮކޭޝަނަލް އަދި ކްރިއޭޓިވް ސްކިލްސް ތަރައްގީކުރުމަށް ސްޓޫޑިއޯއެއް ގާއިމުކުރުމަށް ފޭލި ޖަމިއްޔާއިން ހުށަހަޅާފައިވާއިރު ނާސަސް އެސޯސިއޭޝަނުން ހުށަހަޅާފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ނަފްސާނީ ބަލިތަކަށް ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ. އަދި ޓައިނީ ހާޓްސް މޯލްޑިވްސް އިން ހުށަހަޅާފައިވަނީ ހިތުގެ ދުޅަހެޔޮކަމާއި ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށާއި ތަމްރީނު ދިނުމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާތަނަށް ބޭންކު ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.