ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން' މިއަހަރު ވެސް ބޭއްވުމަށް ނިންމައި ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.

ބީއެމްއެލް އިން ބުނީ މި ރަންގައި ދުވުމަށް ހަމަޖެހިފައިވަނީ:

  • 2 އަހަރާއި 3 އަހަރުގެ އުމުރުފުރާގެ ކުދިން - 1 ކިލޯމީޓަރަށް
  • 4 އަހަރާއި 6 އަހަރުގެ އުމުރުފުރާގެ ކުދިން - 2 ކިލޯމީޓަރަށް
  • 7 އަހަރާއި 9 އަހަރުގެ އުމުުރުފުރާގެ ކުދިން - 3 ކިލޯމީޓަރަށް
  • 10 އަހަރާއި 16 އަހަރުގެ އުމުރުފުރާގެ ކުދިން - 4 ކިލޯމީޓަރަށް

ބީއެމްއެލް އިން ބުނީ މީގެތެރެއިން 10 އަހަރާއި 16 އަހަރުގެ އުމުރުފުރާގެ ދުވުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޓައިމް ކޮށްގެން ކަމަށާއި ދެން ތިބި އުމުރުފުރާގެ ކުދިން ދުވަން ހަމަޖެހިފައިވަނީ ބެލެނިވެރިއަކާއި އެކު ކަމަށެވެ.

ބީއެމްއެލް އިން ބުނީ މި ރަންގައި ބައިވެރިވުމަށް މި ލިންކު މެދުވެރިކޮށް ރަޖިސްޓާ ވެވޭނެ ކަމަށާއި، މި އަހަރުގެ ރަން އެހެން އަހަރުތަކަށްވުރެ ހާއްސަ ވެގެންދާނެ ކަމަށެވެ. އެގޮތުން އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު އަލަށް 2 އަހަރުގެ އުމުރު ފުރާއެއް ދުވުމުގައި ހިމަނާފައިވާކަމަށާއި، މިއީ ހަމައެކަނި ދުވުމެއްގެ އިތުރުން މަޖާ ތަފާތު ކުޅިވަރުތައްވެސް އެކުލެވިގެންވާ އިވެންޓެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބޭ ދުވުމަކަށްވާއިރު، މި ދުވުން 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ބާއްވަމުންނެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެއް ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.