ހަބަރާއި މައުލޫމާތު ފެތުރުމުގައާއި އެކިއެކި މަންސަތަކުގައި އެކިއެކި ފަރާތްތަކުން ފަތުރާ ހަބަރާއި މައުލޫމާތުގެ ތެދާއި ދޮގު އަދި ސައްހަކަން ދެނެގަންނަން އަމާޒުކޮށް ހިންގާ 'އަހަންނަކީ ނޫސްވެރިއެއް' ޕްރޮގްރާމު ރ. އަތޮޅުގައި ބާއްވައިފިއެވެ.
ޒުވާނުން ބާރުވެރި ކުރުވުމާއި ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ މި ސިލްސިލާގައި ރ. އަތޮޅުގައި ފެށި މި ޕްރޮގްރާމު އަމާޒު ކުރީ ނ. ރ އަދި ބ އަތޮޅަށެވެ. ޖުމްލަ 32 ބައިވެރިންނާއެކު މި މަހުގެ 17 އިން 19 އަށް ދުވާފަރުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިޔަ އިރު ނ އަތޮޅުގެ ހޮޅުދޫގެ އިތުރުން ރ އަތޮޅުގެ 13 ރަށަކުން މީހުން ބައިވެރިވެފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ސިލްސިލާ ގޮތެއްގައި ހިންގާ މި ޕްރޮގްރާމަކީ, އެ ޕްރޮގްރާމެއް އަމާޒު ކުރާ އަތޮޅުތަކަށް ނިސްބަތްވާ އޮންލައިން އަދި ބްރޯޑްކާސްޓް މީޑިއާ އަދި ނޫސްވެރިންގެ އިތުރުން އިޖުތިމާއި މަސައްކަތް ކުރާ އެންޖީއޯތަކާއި އެ އަތޮޅުތަކުގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކައުންސިލް އިދާރާތަކަށް ބޭނުންތެރި ދާއިރާތަކުން އިލްމީ ފެންވަރުގައި މައުލޫމާތު ފޯރުކޮށްދެވޭ ޕްރޮގްރާމެކެވެ. އެގޮތުން އެކިއެކި މަންސަތަކުގައި ފެތުރެމުން ދާ އަދި ގަސްދުގައި ފަތުރާ ހަބަރާއި މައުލޫމާތުގެ ސައްހަކަން ދެނެގަންނާނެ ގޮތްތަކާއި އެ މައުލޫމާތަކާ ގުޅިގެން އެ ބަޔަކު ނިސްބަތްވާ މުޖުތަމައުގައި ބައިވެރިންނަށް އަމަލު ކުރެވިދާނެ އަދި އަދާކުރެވިދާނެ ދައުރު މި ޕްރޮގްރާމްގައި ބުނެދެއެވެ. އަދި ނޫސްވެރިކަމުގެ އާންމު ހަމަތަކާއި, ތަހުގީގީ ނަޒަރިއްޔާއަކުން ކަންކަން ދެނެގަންނާނެ ގޮތްތަކާއި ބަވަނަވަމުން ދާ މި ދުނިޔޭގައި އުފަންވެ އަދި އުފަންވަމުން އަންނަ އާ ޓެކްނޮލޮޖީގެ އަލީގައި 'ފޭކާއި ރިއަލް' ދެނެގަތުމަށް ދަސްކޮށް ދިނުން ހިމެނެއެވެ.
މުޖުތަމައެއްގެ ގޮތުގައި އެބަޔަކު ދިރިއުޅޭ ސަރަހައްދުގައި އިޖުތިމާއީ ރޫހު އާލާކުރުމާއެކު ބާރުވެރިކަން އިތުރު ކުރާނޭ ގޮތްތަކާއި ހުރި ފުރުސަތުތައް ބުނެދިނުމުގެ އިތުރުން, ޒިންމާދާރު މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ފަރުދީ ދައުރު ތަފްސީލު ކޮށްދީ ބުނެދިނުން ވެސް ހިމެނެއެވެ. މީގެ އިތުރުން ލިޔުމާއި ކިޔުމުގައި އަދި ބަސްމޮށެ އުޅުމުގައި ދިވެހި ބަސް ބޭނުން ކުރަން ޖެހޭ ހަމަތައް ދަސްކޮށް ދީ އަހުލުވެރި ކުރުވުން ވެސް ހިމެނެއެެވެ އަދި ހަވާސާ ވެފައި ތިބޭ ފަރާތްތައް ހަވާސާ އަށް ގެންނާނޭ ގޮތްތަކާއި އެ ފަރާތްތައް ބާރުވެރި ކުރުވާނެ ގޮތްތައް ބުނެ ދިނުމުގެ އިތުރުން ރާއްޖޭގެ މުއުތަމައުގައި އޮންނަ ފިކުރީ ހިޔާލު ތަފާތުވުންތަކުގެ މައްޗަށް ވެސް ސެޝަންތައް ނަގައިދީފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމުގައި ޔޫތު މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ބައެއް ދާއިރާތަކާ ބެހޭ މައުލޫމާތު ދިނުމާއި ހޭލުންތެރި ކުރުވުމުގެ ސެޝަންތަކުގެ އިތުރުން, ބައިވެރިން ނިސްބަތްވާ ދާއިރާތަކުގައި ހުރި ފުރުސަތުތަކާއި ކުރިއަށް ދެވެން ހުރި ރޮނގުތަކާ ބެހޭގޮތުން ވެސް މައުލޫމާތު ފޯރުކޮށް ދީފައި ވެއެވެ.
ރާއްޖޭގެ ދެކުނުން ފުވައްމުލަކާއި އައްޑުއަތޮޅު ހިމެނޭހެން ޕްރޮގްރާމަކާއި މެދުރާއްޖެތެރެއަށް އަމާޒު ކޮށްގެން ކ. ތުލުސްދޫގައި ޕްރޮގްރާމެއް ބޭއްވިފައި ވާ އިރު, މިހާތަނަށް ޖުމްލަ 90 ފަރާތަކަށް ވަނީ މި ތަމްރީނު ދީފައެވެ. ކޮންމެ ޕްރޮގްރާމެއްގައި ވެސް މަދުވެގެން 9 ޕޭޕަރު ހުށަހަޅައި ދެވިފައި ވާ އިރު, ކޮންމެ ޕޭޕަރެއް ވެސް ނުވަތަ ސެޝަނެއް ވެސް ނަންގަވައި ދެއްވާފައި ވަނީ އެ ދާއިރާއެއްގެ ތަޖުރިބާކާރު ފަރާތްތަކުންނެވެ.