އުރީދޫ މަސްރޭސް 2025 ދެ ރަށެއްގައި ބޭއްވުމަށް ނިންމައިފި އެވެ.

މިއަަހަރު އުރީދޫ މަސްރޭސް ބޭއްވުމަށް ނިންމާފައި ވަނީ ކ. ހުރާ އާއި ށ. ފުނަދޫގައެވެ. އުރީދޫ އިން ބުނީ 80,000 ވުރެ ގިނަ ރުފިޔާގެ އިނާމާއެކު އުރީދޫ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން ބާއްވާ އުރީދޫ މަސްރޭސް ހުރާގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 22 ގަ އެވެ. އަދި ފުނަދޫގައި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 29ގަ އެވެ.

މުބާރާތުގައި ރަޖިސްޓްރީވުމަށް މި މަހުގެ 17 ވަނަ ދުވަހު ހުޅުވާލާފައިވާއިރު ރަޖިސްޓްރޭޝަންގެ ފަހުގެ ދުވަހަކީ ޖުލައި 30 ވަނަ ދުވަހެވެ. އުރީދޫއިން ބުނީ ކޮންމެ މަސް ރޭހެއްގައި ވެސް މުޅިއަކު 80,000+ ރުފިޔާގެ ފައިސާގެ އިނާމު ހިމެނޭނެ ކަމަށެވެ. އެގޮތުން:

  • ޗެމްޕިއަން ޓީމް: 25000 ރުފިޔާ
  • ދެވަނަ ޓީމް: 10000 ރުފިޔާ
  • ތިންވަނަ ޓީމް: 5000 ރުފިޔާ

އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް އިނާމުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ ހަރަކާތެކެވެ. އުރީދޫ މަސްރޭސް 2025 ގައި ކޮންމެ ސަރަހައްދަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ.

16 ޓީމަށް ވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާއިރު ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ އެވެ. އުރީދޫ މަސްރޭސް 2025 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔަ އެވެ.