ފާއިތުވި 10 މަސް ދުވަހު ލައިސަންސް ނެތި ކާރާއި ސައިކަލު ދުއްވި 1،142 މީހަކު ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ވަނީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ އިދާރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.

އެގޮތުން ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް އެކުލަވާލާފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2،181 ވެހިކަލް ޗެކް ޕޮއިންޓުގައި އުޅަނދުތައް ބަލާ ފާސްކޮށްފައިވާއިރު މި މަސައްކަތުގައި ފުލުހުން ޖުމްލަ 2،881 ގަޑިއިރާއި 24 މިނެޓު ހޭދަކޮށްފައި ވެއެވެ.

މާލެ އާއި ބްރިޖުގައި 31،857 ސައިކަލު ޗެކު ކުރިއިރު 3،878 ކާރު ޗެކްކޮށްފައި ވެއެވެ. އޭގެ ތެރެއިން 27،291 ސައިކަލު ދުއްވި މީހުންނަށް ނަސޭހަތް ދިން އިރު ކާރު ދުއްވި 3،038 މީހުންނަށް ނަސޭހަތް ދީފައި ވެއެވެ.

މީގެ އިތުރުން ވެސް ފުލުހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން:

  • ސައިކަލު ދުއްވި 4،566 މީހަކަށް ފިޔަވަޅު އަޅާފައިވާއިރު ކާރު ދުއްވި 840 މީހަކަށް ފިޔަވަޅު އަޅާފައިވޭ
  • ނުރައްކާތެރިކޮށް ދުއްވި 154 ސައިކަލު ހުއްޓުވި އިރު އެފަދަ 4 ކާރު ހުއްޓާފައިވޭ
  • އެއްގޮތަކަށް ވެސް ލައިސަންސް ނެތި ސައިކަލު ދުއްވި 1،062 މީހަކު ހުއްޓުވިއިރު އެފަދައިން ކާރު ދުއްވި 80 މީހުން ހުއްޓުވާފައިވޭ
  • ޓްރެފިކް ވައިލޭޝަން އާއި ގުޅިގެން 1،821 ސައިކަލު ޓޯ ކުރިއިރު 267 ކާރު ޓޯ ކޮށްފައިވޭ
  • އަދި ޕާކިން ވައިލޭޝަން އާއި ގުޅިގެން 3،882 ސައިކަލު ޓޯ ކުރިއިރު 1،899 ކާރު ޓޯ ކޮށްފައިވޭ

މަގުމަތީގައި ހިނގަމުންދާ އެކްސިޑެންޓުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ފުލުހުން ދަނީ އާންމުން ހޭލުންތެރި ކުރުމަށް އެކި މަސައްކަތް ކުރަމުންނެވެ. އެގޮތުން "ލަސްވުމަށް ވުރެ ފުރާނަ މުހިންމު" މިހެން ޖަހާފައިވާ ބޯޑުތައް ހިފައިގެން ހުޅުމާލޭގެ އެންމެ ބާރުބޮޑު ފޭސް ދޭއްގެ ނިރޮޅު މަގުގައި މިއަދު ފުލުހުން ހަރަކާތްތެރިވެފައެވެ.

ފުލުހުން ވަރުގަދަ މެސެޖަކާއެކު މަގުމައްޗަށް ނުކުމެ ހަރަކާތްތެރިވާ މަންޒަރު

ފުލުހުން އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެނިގެން ދަނީ މަގުމަތީގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ދައްކައިގެން "ލަސްވުމަށްވުރެ ފުރާނަ މުހިންމު!" މިހެން ޖަހާފައިވާ ޕޯސްޓަރުތައް ހިފައިގެން ތިބޭ ތަނެވެ. އަދި މީގެ މަގްސަދަކީ އެއްވެސް އެޕޮއިންޓްމަންޓަކާއި ކްލާހެއް ނުވަތަ ބައްދަލުވުމެއްގެ އަގު ފުރާނައަށްވުރެ ބޮޑު ނުވާނެކަން ހަނދާން ކޮށްދިނުން ކަމަށް ވެއެވެ.