މާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވީ ޔޫސުފް އަލްސަން މުހައްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު އަސުރުނަމާދަށްފަހު ބާއްވަން ނިންމައިފިއެވެ.

އަލްސަންގެ މައްޗަށް ކަށުނަމާދު ކުރަން ހަމަޖެހިފައި ވަނީ އަސުރުނަމާދަށްފަހު މާލެ އާސަހަރާގައެވެ.

ރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެ އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހިފައި ވެއެވެ. އަދި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގައި ވެސް ވަނީ ޖެހިފައެވެ.

ރޭ ހިނގި އެ އެކްސިޑެންޓްގައި ނިޔާވި އުމުރުން 17 އަހަރުގެ އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ ހަމަ އެކަނި ދަރިފުޅެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ އަދި 16 އަހަރުގެ ކުއްޖާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އަދި މި 2 މީހުންގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.

އަނިޔާވި 40 އަހަރުގެ މީހާއަކީ ކަފިހި ހުރަސްމަތިން މަގުހުރަސްކުރި މީހާއެވެ. އަދި ސައިކަލު ދުއްވާފައި ވަނީ އުމުރުން 17 އަހަރުގެ އަލްސަން ކަމަށާއި ފަހަތުގައި އިނީ 16 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.