އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ރަސްމީކޮށް ފެށުމަށް ބޭނުންވާ "ޓާމްސް އޮފް ރިފަރެންސް" (ޓީއޯއާރު) ގައި ދެ ގައުމުން އެއްބަސްވެއްޖެ އެވެ.

އިންޑިއާގެ ކޮމާސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއާއެކު އެއްބަސްވުމަކަށް އައިސްފައިވަނީ ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްގެންދާނެ އޮނިގަނޑާއި އުސޫލުތައް ކަނޑައެޅި، ރަސްމީ ވާހަކަތަކަށް މަގުފަހި ކުރުމުގެ ބޭނުމުގައެވެ.

އަދި މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއިން ހުރި ހުރަސްތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ގައުމުން ވަނީ ސިފަކޮށްފައެވެ. މިފަދަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން، މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުން ނުވަތަ އުނިކުރުން ހިމެނޭއިރު ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް ފިޔަވަޅުތައް އެޅިގެންދާނެއެވެ.

ވިޔަފާރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 - 2025 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް ކުރި އެކްސްޕޯޓް 37.11 ޕަސެންޓު ދަށަށް ގޮސް، 56.88 މިލިއަން ޑޮލަރަށް ވަނީ ތިރިވެފައެވެ. ހަމަ އެ މުއްދަތުގައި ރާއްޖެއިން އިންޑިއާއަށް މުދާ އެތެރެކުރި މިންވަރު (އިމްޕޯޓް) 37.14 ޕަސެންޓު އިތުރުވެ، 118.82 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.

އިންޑިއާއިން ދަނީ ދުނިޔޭގެ އެކި ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން އެ ގައުމުން ވަނީ ގަލްފް ކޮއޮޕަރޭޝަން ކައުންސިލް (ޖީސީސީ) އާއި ކެނެޑާއާއެކު ވިޔަފާރީގެ އެއްބަސްވުންތަކުގެ މަޝްވަރާތައް ފަށާފައެވެ. މީގެ އިތުރުން އޮސްޓްރޭލިއާ، ސްރީލަންކާ، ޕެރޫ، ޗިލީ، އީއޭއީޔޫ އަދި އިޒްރޭލާއެކު ވެސް މިފަދަ މަޝްވަރާތައް ކުރިއަށްދާކަމަށް އިންޑިއާގެ ކޮމާސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ބޭރުގެ ގައުމުތަކާއެކު ވިޔަފާރީގެ އާ ފުރުސަތުތައް ހޯދުމަށް އިސްކަންދެއްވާއިރު، އިންޑިއާއާއެކު ފެށޭ މި މަޝްވަރާތަކުގެ ސަބަބުން ދިވެހި އުފެއްދުންތަކަށް އިންޑިއާގެ ބޮޑު ބާޒާރުން ފުރުސަތުތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.