ސްޓެލްކޯ އިންހައުސް ޓްރެއިނާސް ޕޫލް މިއަދު އިފްތިތާހުކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ ސްޓެލްކޯ އިންހައުސް ޓްރެއިނާސް ޕޫލަކީ ކުންފުނީގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓާނަލް ޓްރެއިނިން އަދި މުވައްޒަފުންނަށް ބޭނުންވާ ހުނަރު ދެނެގަނެ އެ މުވައްޒަފުންނަށް ބޭނުންވާ އިލްމު އެންމެ ގާތުން ފޯރުކޮށްދިނުމަށް ފަށައިގަނެވުނު މަސައްކަތެއް ކަމަށެވެ.
އެގޮތުން ސްޓެލްކޯގެ 35 މުވައްޒަފުން "ޓްރެއިން ދަ ޓްރެއިނާ" އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލްކޮށްފައިވާ އިރު، އެ 35 މުވައްޒަފުންނަށް ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ސްޓެލްކޯއިން ވަނީ ދީފައެވެ. މީގެ އިތުރުން ސްޓެލްކޯ ޓްރެއިނާސް ޕޫލްއިން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންތަކުގެ މައުލޫމާތު ހިމެނޭ އަތްމަތީ ފޮތް ވެސް މިއަދުގެ ރަސްމިއްޔާތުގައި އިފްތިތާހުކޮށްފައިވެއެވެ.
ސްޓެލްކޯއިން ބުނީ މި ޕޫލްގައި މިވަގުތު 35 މުވައްޒަފުން ހިމެނޭއިރު، ކުރިއަށް އޮތް ތާނގައި ބައިނަލްއަގުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިއަދު އިފްތިތާހުކުރި ސްޓެލްކޯ ޓްރެއިނާސް ޕޫލްގައި މިވަގުތު ތިބި 35 ޓްރެއިނަރުންގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި އިދާރީ އެކި ދާއިރާތަކާއި ހިއުމަން ރިސޯސްއާއި ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަކަށް ހާއްސަ މުވައްޒަފުން ހިމެނޭކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.