ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް ފައިސާގެ އިނާޔަތެއް ދިނުމާއި ގުޅޭ ގޮތުން މަޝްވަރާތައް ފަށައިފިއެވެ.
މިއަދު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެކްސްގެ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދުމަށް ނިނާމާފައިވާކަމަށެވެ. އަދި އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައިވާނެކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.
ދުންފަތް ކޮންޓްރޯލް ކުރަން ރާއްޖޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއި އަދި ނަތީޖާ ލިބޭނެ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދައިން ދުރުހެލިވުމަށް އެދޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުއިޓް ލައިންއެއްވެސް ވަނީ ގާއިމުކޮށްފައެވެ.
މީގެ ކުރިން ހެލްތް މިނިސްޓަރު އަހުމަދު ނާޒިމްވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް 5 އަހަރު ދުވަހުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.