އީރާނަކީ އިޒްރޭލުގެ ދެމި އޮތުމަށް ނުރައްކަލެއް ކަމަށް ބުނެ, ވަރުގަދަ ހަމަލާތަކެއް ދީ އީރާނުގެ އިސް ބައެއް ސައިންޓިސްޓުންނާއި އަސްކަރިއްޔާގެ އިސް ބައެއް ޖެނެރަލުން މަރާލައިފިއެވެ.

މަރުވި މީހުންގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރާއި ކޮމާންޑް ސެންޓަރުގެ ވެރިޔާ އާއި މުޅި އީރާނުގެ އާމްޑް ފޯސަސްގެ ދެވަނަ އަށް އެންމެ އިސްވެރިޔާ ހިމެނެއެވެ.

އިޒްރޭލުން އީރާނަށް ދިން ހަމަލާގައި އީރާނުގެ އާމްޑް ފޯސަސްގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަގޭރީ ވަނީ މަރުވެފައި

މީގެ އިތުރުން އީރާނުގެ އިސް ބައެއް ސައިންޓިސްޓުން ވެސް އިޒްރޭލުން ވަނީ މަރާލާފައެވެ.

އިޒްރޭލުން ބުނާގޮތުން ހަމަލާ އަމާޒު ކުރީ ނިއުކްލިއާ ހަކަތައިގެ މަރުކަޒުތަކަށާއި އިސް ކޮމާންޑަރުންނައެވެ. އަދި ހަމަލާ ކާމިޔާބު ކަމަށާއި އިޒްރޭލަށް އޮތް ނުރައްކާ ނައްތާލެވެންދެން ހަމަލާ ދޭނެ ކަމަށެވެ.

މި ހަމަލާތަކަކީ އީރާން އިރާގު ހަނގުރާމަ އަށް ފަހު އީރާނަށް އަމާޒު ވި މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. އީރާނުގެ އެތަން މިތަނަށް އަމާޒު ކޮށްފައި ވާ ހަމަލާތަކުގައި އާންމުން ދިރިއުޅޭ ބައެއް އިމާރާތްތައް ވެސް ހިމެނޭ އިރު މަރުވި މީހުންގެ ތެރޭގައި އާންމުންވެސް ހިމެނޭކަމަށް އީރާނުގެ ޓީވީން ބުނެފައި ވެއެވެ.

މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ 100 ޑްރޯން އިޒްރޭލަށް ފޮނުވާލައިފައެވެ. ނަމަވެސް މިއިން އެއްޗެއް އިޒްރޭލަށް ވެއްޓި ގެއްލުމެއް ލިބިފައި ވާ ކމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން އީރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ވަނީ އިޒްރޭލަށް ވަރުގަދަ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ, ފިސާރި ވަރުގަދަ ބަދަލު ހިފާނެ ކަމަށާއި އިޒްރޭލުގެ ހަމަލާތަކުގައި އެންމެ މަތީ ކޮމާންޑަރުންގެ އިތުރުން ނިއުކްލިއާ ސައިންޓިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ 6 މީހަކު މަރުވެފައި ވާ ކަމަށެވެ.

އިޒްރޭލުގެ ހަމަލާ އާ ގުޅިގެން އެމެރިކާގެ ވެރިންގެ ކުއްލި ބައްދަލުވުމެއް ކުރިއަށް ދާއިރު, އެގައުމުން ބުނެފައި ވަނީ, އިޒްރޭލުގެ ހަމަލާގައި އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ އީރާނަށް ހަމަލާ ދިނީ އެމެރިކާއާ މަޝްވަރާ ކުރެވިގެން ކަމަށެވެ.

މި ހަމަލާ އދ ގެ ރައީސް އަދި ގަތަރާއި ޗައިނާގެ އިތުރުން ތުރުކީގެ ވެރިން ވަނީ ކުށަވެރި ކުރައްވާފައެވެ. މިއީ ކަނޑައެޅިގެން އީރާނުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށާއި ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ބުނެފައި ވެއެވެ.

އިޒްރޭލުގެ ހަމަލާ އާ ގުޅިގެން އީރާނުގެ ވައިގެ ސަރަހައްދު ބަންދު ކޮށް ކުއްލި ހާލަތު އިއުލާން ކޮށްފައި ވާ އިރު އިޒްރޭލުން ވެސް ވަނީ ހާއްސާ ކުއްލި ހާލަތު އިއުލާން ކޮށް ސްކޫލުތައް ބަންދު ކޮށް ގިނަ ބަޔަކު އެއްތަނަކަށް އެއްނުވުމަށް އަންގާ އާންމުކޮށް އިއުލާން ކޮށްފައެވެ.

އިޒްރޭލުން އީރާނަށް ހަމަލާ މިދިން ވަގުތަކީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގައި އެއްބަސްވުންތަކާ ހިލާފު އެތައްކަމެއް ކޮށްފައި ވާ ކަމަށް އދ ގެ އެޓޮމިކް ހަކަތައާ ބެހޭ ވެރިޔާ އިއުލާން ކޮށްފައި ވާ ވަގުތެކެވެ. އަދި މިވަގުތަކީ އދ ގެ އެޓޮމިކް ހަކަތައާ ބެހޭ ވެރިޔާ އަށް އިޒްރޭލުން އިރުޝާދު ދީފައި ވާ ކަމުގެ ލިޔުންތަކާއި އިޒްރޭލުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ސިއްރު އެތައް ލިޔުންތަކެއް އާރާނުން ލީކް ކޮށްލައިފާ ވަގުތެއް ވެސް މެއެވެ.

މުރާސިލުން ބުނާގޮތުން އިޒްރޭލުން މިހަމަލާ ދިނީ އިޒްރޭލުގެ ސިއްރުތައް ބޭޒާރުކޮށްލުމުން ބަދަލު ހިފުމުގެ ގޮތުންނެވެ.