ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އަޅަން ބޭނުންވާ ފައިސާ ހަމަވެއްޖެ ކަމަށް ހިދުމަތް ޖަމިއްޔާ އިން ބުނެފިއެވެ.
ފަރީދު އަވަހާރަވީ ހިދުމަތް ޖަމިއްޔާއިން ދިން ދައުވަތަކަށް މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް މިދިޔަ ހޯމަ ދުވަހު ވަޑައިގަންނަވަނިކޮށް އެ ގައުމުގެ އެއާޕޯޓުގައެވެ. ފްލައިޓުން ފޭބިތަނާ ފަރީދު ވެއްޓި ވަޑައިގަތުމަށް ފަހު ނޭވާލާން އުނދަގޫވެގެން އުޅުއްވުމުން ވަނީ އަވަސް ފަރުވާ ދީފައެވެ. ނަމަވެސް ފަރީދު އަވަހާރަވީ އޭގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ހިދުމަތް ޖަމިއްޔާ އަކީ ދަރުސް ދެއްވުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމުގެ ޕްރޮގްރާމްތައް ހިންގަމުގައި ފަރީދު ހިދުމަތް ކުރެއްވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާ ކުރަން ފައިސާ ހޯދުމަށް އިއްްޔެ އިއުލާން ކޮށްފައެވެ. މި މިސްކިތް ބިނާ ކުރާނީ ބަންގްލަދޭޝަގައި ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
މި މިސްކިތް ބިނާ ކުރުމަށް ފައިސާ ހޯދުމަށް އިއުލާން ކުރިތާ އެއް ދުވަސް ވީ އިރު، ވަނީ މިސްކިތް ބިނާ ކުރަން ބޭނުންވާ އަދަދަށް ފައިސާ ލިބިފައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެ ގޮތުން މިހާތަނަށް 7 ލައްކަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.
ޝެއިހް ފަރީދު އަވަހާރަވުމުން އޭނާގެ ޖަނާޒާއަށް ރާއްޖެއަށް ހަޑިގަނޑު ގެންނަ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭނެތީ، އާއިލާ އިން ވަނީ ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމާފައެވެ. އެ ގޮތުން މިއަދު މެންދުރު ނަމާދަށް ފަހު ފަރީދުގެ ހަށިގަނޑު ވަޅުލުމަށް ފަހު ވަނީ ޖަނާޒާ ބާއްވާފައެވެ. ނަމަވެސް ރާއްޖޭގައި އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު ފަރީދުގެ މައްޗަށް ޢައިބަށް ކަށުނަމާދު ކުރަން ވަނީ ހަމަޖައްސާފައެެވެ.
ޝެއިހް ފަރީދު އަވަހާރަވި އިރު އުމުރަކީ 53 އަހަރެވެ. ފަރީދު އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ގިނަ ބަޔަކު އަންނަނީ ފަރީދުގެ އާއިލާއަށް ތައުޒިޔާ ކިޔައި، ސޯޝަލް މިޑިއާގައި ޕޯސްޓްތައް ހިއްސާކުރަމުންނެވެ.