ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާހް ކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތަށް މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާހިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ ރޭ ރާއްޖެ ވަޑައިގެންފިއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހް ކުރުމަށް މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިފްތިތާހު ކޮށްދެއްވުމަށް ހަމަޖެހިފައި ވާ މި އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނާފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުން ކަމަށެވެ. އެއީ މިކަމުގައި ގައުމުތައް ކަނޑައެޅުމަށް ނިންމާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ހާއްސަކަން ދެވިގެންކަން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެެވެ.

އިސްލާމިކް މިނިސްޓްރީ އިން ވަނީ މިއީ ދިވެހި ހައްޖުވެރިންނަށް ދެމުންދާ ހިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަ ކޮށްފައެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްގެ ޗެއާމަން އާއި އެމަނިކުފާނާ އެކު ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިންނެވެ.

އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގައި ދެން އިސްކޮށް ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ހައްޖު، އުމްރާ އަދި އެންޑޯސްމެންޓް ޑިޕާޓުމެންޓުގެ ޑިރެކްޓާ ޖެނެރަލް މޭޖާ ޖެނެރަލް އަބްދުލްމުއްނިމް ބިން އަބްދުލް ރަހްމާން އަލް މަހްމޫދުގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވް ސްޓިއާރިން ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ މުހައްމަދު ބިން ނަސީރް އަލް ހައްލާފް ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން އެ ވަފުދުގައި ޖެނެރަލް އޮތޯރިޓީ ފޯ އެންޑޯމަންޓް ބޭންކްސް އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމްސްގެ ނައިބް ރައީސް އަބްދު ރަހްމާން ބިން މުހައްމަދު އަލް އަގީލްގެ އިތުރުން އެކި އެކި މުއައްސަސާތަކުގެ އިސް ބޭފުޅުން ހިމެނެއެވެ.