މި ސީޒަންގެ ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ޓޮޓެންހަމް ހޮޓްސްޕާ ހޯދައިފިއެވެ.

17 އަހަރަށް ފަހު ޓޮޓެންހަމް އަށް ތައްޓެއް ކާމިޔާބު ކުރީ ރޭ ސްޕެއިންގެ ބިލްބާއޯގައި ކުޅުނު ފައިނަލްގައި 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްގެންނެވެ.

މިމެޗުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފްގައެވެ. މި ލަނޑު ޓޮޓެންހަމްއަށް ޖަހާ ދިނީ އެޓީމުގެ ވިންގަރު ބްރެނަން ޖޯންސަންއެވެ. މި ލަނޑުގެ ކުރިން ވެސް އަދި ފަހުން ވެސް ޔުނައިޓެޑްގެ ގޯލަށް ނުރައްކާވާނެ ފަދަ ހަމަލާތަކެއް ޓޮޓެންހަމްއިން އުފައްދާފައެއް ނުވެއެވެ.

ޓޮޓެންހަމްގެ ލަނޑު ޖަހާ ދިން ޖޯންސަން/ފޮޓޯ: އެކްސް

އެހެން ނަމަވެސް އެޓީމުގެ ފަރާތުން ވަރުގަދަ ޑިފެންސިވް ކުޅުމެއް ފެނިގެން ދިޔަ އިރު ޔުނައިޓެޑުން ވެސް މި މެޗުގައި މާ ގިނަ ހަމަލާތަކެއް އުފައްދާފައެއް ނުވެއެވެ. އަދި މެޗު ނިމިގެން ދިޔައީ 1-0 އިން ޓޮޓެންހަމް މޮޅުވެގެންނެވެ.

ޓޮޓެންހަމްގެ ކޯޗު ރަނގަޅަށް ވެސް ވައުދު ފުއްދައިފި

ރޭ ކްލަބަށް ލިބުނު ކާމިޔާބީއާއެކު ޓޮޓެންހަމްގެ ކޯޗު އެންޖް ޕޮސްޓެކޮގްލޫއަށް ވޭތުވެދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި ކުރިމަތިވި ފިއްތުންތަކަށް ލުޔެއް ލިބޭނެ ކަމަށް ބެލެވެއެވެ. މިދިޔަ އަހަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޕޮސްޓެކޮގްލޫ ވަނީ އޭނާ މީގެ ކުރިން ކޯޗުކަން ކުރި ކޮންމެ ކްލަބެއްގައި ވެސް ތައްޓެއް ހޯދާދީފައިވަނީ އޭނާގެ ދެވަނަ ސީޒަންގައި ކަމަށް ބުނެފައެވެ. އޭނާ އެހެން ބުނުމުން އެހެން ކްލަބްތަކުގެ ސަޕޯޓަރުންނާއި އަދި ބައެއް ޕަންޑިޓުން ވެސް އެ ވާހަކަތަކަށް މަލާމަތްކުރިއެވެ.

ދެވަނަ ސީޒަންގައި ތައްޓެއް ހޯދާނެ ކަމަށް ބުނެ ކޯޗު ދެއްކި ވާހަކަ ޕޯސްޓަރަކަށް ހަދައިގެން ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މިއީ ޕޮސްޓެކޮގްލޫ ޓޮޓެންހަމްގައި ނިންމާ ދެވަނަ ސީޒަނަށް ވާ އިރު ރޭގެ ކާމިޔާބީއާއެކު އޭނާ މިވަނީ މިކަން ހަގީގަތަކަށް ހަދާފައެވެ. މި ސީޒަންގެ ޔޫރަޕާ ލީގު ހޯދައިގެން ލީގު ތަވާލުގެ ފުލުހުން ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްއަށް މިވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރުވެފައެވެ. އަދި މިއާއެކު 100 މިލިއަން ޕައުންޑްގެ ފައިސާގެ އިނާމުވެސް އެ ކްލަބަށް ލިބޭނެއެވެ.

ލީގު ތާވާލުގެ 16 ވަނައިގައި އޮތް ޔުނައިޓެޑްގެ މުސްތަގްބަލާ މެޗު ގިނަ ސުވާލުތަކެއް

މި ސީޒަންއަކީ 1974 ވަނަ އަހަރު ޔުނައިޓެޑް ރެލިގޭޓްވީ ފަހުން އެޓީމުގެ ފަރާތުން ފެނިގެން ދިޔަ އެންމެ ބަލިކަށި ސީޒަނެވެ. ލީގުގެ ތާވަލުގެ 16 ވަނައިގައި މިވަގުތު ޔުނައިޓެޑް އޮތް އިރު މި ސީޒަން ނިންމާލަން ޖެހޭނީ ހުސް އަތާއެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން ދަނޑު މަތީގައި/ފޮޓޯ: އެކްސް

ޖެނުއަރީ މަހު ޓީމާ ގުޅުނު ކޯޗު ރޫބެން އެމްރޯނިމްއަށް ޓީމުގެ ކުޅުން ރަނގަޅު ނުކުރެވުނު އިރު ޔުނައިޓެޑުގެ ވެރިންގެ އިތުބާރު އޭނާއަށް އެބަ އޮތެވެ. އަދި ޖުލައި މަހު ފެށޭ ޓްރާސްފާ ވިންޑޯގައި ޔުނައިޓެޑްގެ ސްކޯޑް ވަރުގަދަކޮށް އަންނަ ސީޒަންގައި އަލުން ވާދަވެރި ޓީމެއް އުފައްދަން މަސައްކަތް ކުރަން އެމްރޯނިމްއަށް ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.