ޔޫއޭފްއާއިން ކުރިއަށް ގެންދާ ޔޫރަޕާ ލީގު މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭ އިރު ފައިނަލްގައި ވާދަކުރާ މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމް ހޮޓްސް ސްޕާސްއިން އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ޔޫރަޕްގެ މުބާރާތެއްގެ ފައިނަލެއްގައި އިނގިރޭސި ދެ ޓީމު ވާދަކުރާ 6 ވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު މިފަދަ 5 ފައިނަލްގައި ވެސް ޓޮޓެންހަމް ކުޅެފައިވާ އިރު މީގެ ތެރެއިން އެއްވެސް ފަހަރަކު އެޓީމަށް އެމުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ސްޕެއިންގެ އެތްލެޓިކް ބިލާބާއޯގައި ކުޅޭ ފައިނަލަށް ނިކުންނަ ޔުނައިޓެޑް އަދި ޓޮޓެންހަމްގެ ވެސް ލީގު ފޯމް އޮތީ ގެއްލިފައެވެ. މިގޮތުން ޔުނައިޓެޑްއަށް ބަލަ އިރު އެޓީމުން އެންމެ ފަހުން ލީގުގައި ކުޅުނު 7 މެޗުގެ ތެރެއިން 6 މެޗުން ބަލިވި އިރު އަނެއް މެޗުން ވީ އެއްވަރެވެ. ޔުނައިޓެޑުން ލީގުގައި އެންމެ ފަހުން މޮޅުވެފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ލެސްޓާ އަކީ މި ސީޒަންގައި ލީގުން ރެލިގޭޓްވި ޓީމުގެ ތެރެއިން އެއް ޓީމެވެ.

ޓޮޓެންހަމްގެ ލީގު ފޯމަށް ބަލާ އިރު އެޓީމުން ލީގުގައި އެންމެ ފަހުން 7 މެޗުގެ ތެރެއިން 5 މެޗުން ބަލިވި އިރު އެއް މެޗުން އެއްވަރުވެ އަނެއް މެޗުން ވީ މޮޅެވެ. މޮޅުވީ 6 އެޕްރިލުގައި ސައުތްހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ސައުތްހެމްޓަންއަކީ ވެސް މިސީޒަންގައި ރެލިގޭޓްވި ޓީމެކެވެ.

ލީގު ތާވަލުގައި ޓޮޓެންހަމް 38 ޕޮއިންޓާއެކު 17 ވަނައިގައި އޮތް އިރު ޔުނައިޓެޑް އޮތީ 39 ޕޮއިންޓާއެކު 16 ވަނައިގައެވެ.

މިރޭގެ މެޗުން މޮޅުވާ ޓީމެއް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެ އިރު އެޓީމެއް ވާނީ ލީގުގެ ތާވަލުގެ އެންމެ ދަށު ޖާގަ ލިބިގެން ޔޫރަޕްގެ އެންމެ މޮޅު ކްލަބްތަކުން ވާދަ ކުރާ ޗެމްޕިއަންސް ލީގު މުބާރާތުގައި ވާދަކުރާނެ ކްލަބަށެވެ.

ޔޫރަޕާ ލީގުގެ ފައިނަލް ކުޅޭނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.