މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މުއްޔަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މުލީ-ނާލާފުށީ ގެ ކޯޒްވޭގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ވެސް ހަމަޖެހިފައި ވާ ކަމަށެވެ. އަދި އެ ދެ ރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މުލީ އެއާޕޯޓް ގެ މަސައްކަތް ނިންމާލުމަށް ފަހު އެ އެއާޕޯޓުގައި ޓެސްޓު ފްލައިޓު ޖައްސާފައި ވަނީ މިދިޔަ މަހުގެ 25ގައެވެ.

މުލީ އެއާޕޯޓް އެޅުމުގެ މަސައްކަތަކީ މިދިޔަ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. މި މަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމު ކޮށްފައި ވެއެވެ.