ފައިސާ ނެގުމަށްފަހު އުމްރާގެ އަޅުކަމަށް ނުގެންދެވޭނެ ކަމަށް އެންގި އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑުގެ މައްސަލަ ބެލުމަށްފަހު އިސްލާމިކް މިނިސްޓްރީން އެ ގުރޫޕަށް ފިޔަވަޅު އަޅައިފިއެވެ.
ނިމިދިޔަ ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އެ ގުރޫޕުގެ ހަވާލުގައި އުމުރާއަށް ދާން ފައިސާ ދެއްކި ބަޔަކު އުމްރާއަށް ގެންދެވެން ނެތް ކަމަށް އެންގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ބައެއް މީހުން ބުނެފައިވާ ގޮތުގައި، އުމްރާ އަށް ދާން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އޮޅުވާލުމެއްގެ ތެރެއިން "ވާނުވާ" ގައި ބައިތިއްބާފައިވާ ކަމަށެވެ.
އަދި އެހެން ގުރޫޕަކުން ރަމަޟާން މަހުގެ އުމްރާއަށް ޖާގަ ހޯދުމަށްފަހު އެ ގުރޫޕަށް ފައިސާ ދެކުމައްޓަކައި އަސްކޮއި ގުރޫޕަށް ދައްކާފައިވާ 252،000 ރުފިޔާ ރިފަންޑު ކުރުމަށް އެދުމުން އެކަން ވެސް ކޮށްދީފައި ނުވާ ކަމަށް ބުނެ އެ ގުރޫޕަށް އެކި ތުހުމަތު ވަނީ ކޮށްފައެވެ.
އާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުންތަކާއެކު އިސްލާމިކް މިނިސްޓްރީން އޭރު ވަނީ އެ މައްސަލަ ބަލަންފަށާފައެވެ. އެ މައްސަލަ ބަލާ ނިންމުމަށްފަހު މިނިސްޓްރީން މިއަދު އާންމު ކުރި ނޫސް ބަޔާނުގައި ބުނީ، އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އާއި ހިލާފަށް އަސްކޮއި ގުރޫޕުން އަމަލުކޮށްފައިވާތީ 130,000 ރުފިޔާއިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށެވެ.
އަދި ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލާ ފައިސާ ދެއްކި އެ ނުވަ މީހުންނަށް ރިފަންޑު ދިނުމަށް ވެސް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ހައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަމަށް ދިޔުމަށް ދައްކާ ފައިސާ އަށް ހިޔާނާތްތެރިވާ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ. އެގޮތުން ހުސްވި އަހަރުވެސް ވަނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަނެތި މަޝްއަރު ޓުއާސް ނަމަކަށް ކިޔާ ކުންފުންޏަކުން އުމްރާއަށް ގެންދިޔުމުގެ ނަމުގައި ފައިސާ ހޯދާތީއާއި އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ރާއްޖެ ނާދެވިފައި ތިބި މައްސަލައެއް ފެންމަތިވެފައެވެ.
މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނެތި ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ނުގެންދިއުމަށާއި އެ ހުއްދަ ނެތް ކުންފުންޏަކާ އެކު ފައިސާގެ މުއާމަލާތް ނުހިންގުމަށް އެދިފައެވެ. ނަމަވެސް އަސްކޮއި ގުރޫޕަކީ އުމްރާގެ އަޅުކަމަށް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ކުންފުންޏެކެވެ.