ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބޭރުވީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ ތެރެއިން 54 މެންބަރުން ނުފެންނަ ކަމަށް ވޯޓު ދެއްވުމުންނެވެ.
އެމްޑީޕީން އަމީންގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީގޭގެ މަތިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު މައްސަލައާ ގުޅިގެންނެވެ.
އެ ޕާޓީގެ ފަރާތުން އިތުބާރު ނެތް މައްސަލަ ހުށަހަޅައި ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުމުގެ ކުރިން އެ ހާދިސާގައި ހިމެނޭ މީހުން މިނިސްޓަރު އަމީންގެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށާއި، އެކަމުގައި އަމީންގެ އާއިލީ ދެ މީހަކު ހިމެނޭކަން އެނގެން އޮތް ކަމަށާއި، ނަމަވެސް މި މައްސަލައިގައި އަމީންގެ ގެއާއި އާއިލީ ބަޔަކު ހިމެނޭކަން ފޮރުވަން ފުލުހުން މަސައްކަތްކޮށްފައިވާކަމަށެވެ.
މީގެ އިތުރުން އެ މައްސަލައިގައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަން މިނިސްޓަރު އަމީން މަސައްކަތްކުރި ކަމަށެވެ. އަދި އެ މައްސަލައިން އާއިލީ ދެ މީހުން ސަލާމަތްކުރަން ވެސް އޭނާ މަސައްކަތްކުރި ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
ނަމަވެސް ތުހުމަތުތައް ދޮގުކުރައްވައި އަމީން ވިދާޅުވީ މި މައްސަލައިގެ ތަހްގީގަށް ނުފޫޒު ފޯރުވަން މަސައްކަތްކުރައްވާފައި ނުވާނެ ކަމަށާއި، ކުރީގެ ކޮމިޝަނަރު އަލީ ޝުޖާއު އާ ގުޅުއްވީ އޭނާ ދިރިއުޅުއްވާ މއ. މާންދޫގެ ދެކުނުގެ ފާސްކުރުމަށް ކޯޓު އަމުރެއް ބޭނުންނުވާނެ ކަން ދެންނެވުމަށް ކަމަށެވެ.