މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާ އަމިއްލައަށް އިސްތިއުފާދެއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހްގީގަށް އަމީން ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަނީ އަމީންގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފައެވެ. އަމީން ވަނީ އެމްޑީޕީގެ ތުހުމަތުތައް ދޮގުކުރައްވައި، މައްސަލައިގެ ތަހްގީގަށް ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ކުރީގެ ކޮމިޝަނަރު އަލީ ޝުޖާއު އަށް ގުޅުއްވީ އޭނާ ދިރިއުޅުއްވާ މއ. މާންދޫގެ ދެކުނުގެއަށް ފުލުހުން އަންނަން ކޯޓު އަމުރެއް ބޭނުންނުވާނެ ވާހަކަ ދެންނެވުމަށް އެކަނި ކަމަށެވެ.

އިތުބާރު ނެތް މައްސަލައިގެ ބަހުސަށް ފަހު އަމީން ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލައާއި އޭނާ އާ އޮތް ހަމައެކަނި ގުޅުމަކީ ދިވެއްސަކަށް ވީމާ މާލޭގައި އުޅުއްވާތީ އޮންނަ ގުޅުން ކަމަށެވެ.

އަމީން ވިދާޅުވީ މަޖިލީހުގައި ވެސް އެހެން އެއްވުމުގައި ވެސް އޭނާގެ އިސްތިއުފާއަށް ގޮވާލިޔަސް އޭނާ އާ ގުޅުމެއް ނެތް މައްސަލައަކާ ގުޅިގެން އިސްތިއުފާދެއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"އެހެންވީމާ ތި ވާހަކަ ކިތަންމެ ވަރަކަށް ރިޕީޓްކުރެއްވިޔަސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ޒައްރެއްގެ މިންވަރުގަ ވެސް ގުޅުމެއް ނެތް ކަމެއްގަ އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭނެ ސަބަބެއް މީގަ ނޯންނާނެ އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.