އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކެޓްރީ ޖެނެރަލް، ހިޒް އެކްސެލަންސީ ހިސެން ބްރާހިމް ތާހާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އޯއައިސީއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ތައުރީފު ކުރައްވައި، އެ ޖަމިއްޔާގެ ހަރުދަނާ ލީޑާޝިޕަށްވެސް ތައުރީފު ކުރައްވާފައެވެ.

އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ދިވެހިރާއްޖެއަކީ އޯއައިސީގެ މެމްބަރު ގައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމުގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގައި ގާއިމުކޮށްފައިވާ މުއައްސަސާތަކާ މެދު ފަހުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާއާއި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، އިސްލާމީ މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ދެ ފަރާތުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

އޯއައިސީ ގެ ސެކެޓްރީ ޖެނެރަލް، ހިސެން ބްރާހިމް ތާހާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

އޯއައިސީ އުފެދިފައި ވަނީ 1969 ވަނަ އަހަރުއެވެ. އޯއައިސީގެ މެމްބަރުންގެ ގޮތުގައި ހިމެނެނީ މުސްލިމު މެޖޯރިޓީ ގައުމުތަކާއި މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކެވެ.

އޯއައިސީ އަކީ އދ އަށް ފަހު ދުނިޔޭގެ އެންމެ ބޮޑު އިންޓަރގަވަމެންޓަލް އޯގަނައިޒޭޝަނެވެ. އދ އަދި ޔޫރަޕިއަން ޔޫނިއަން ގައި އޯއައިސީގެ ދާއިމީ މަންދޫބުން ތިބެއެވެ. އޯއައިސީގެ އަމާޒަކީ އިސްލާމްދީނުގެ އުސޫލުތައް ދަމަހައްޓައި މެމްބަރު ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ދުނިޔޭގެ ސުލްހަޔަށް މަސައްކަތްކުރުމެވެ.