ކުދި ގައުމުތަކުގެ ސިޔާދަތު ބައިނަލްއަގްވާމީ ނިޒާމުގެ ތެރެއިން ރައްކާތެރިކުރުމަށް ފޮރިން މިނިސްޓަރު ޑރ.ހަލީލް ގޮވާލައްވައިފިއެވެ.
ހަލީލް މިފަދައިން ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުންނެވެ. މިއީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުން ހަލީލް ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، ބައިނަލްއަގްވާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި އިސްރާއީލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަން ފާހަގަކުރައްވައި، މިއީ އދ ގެ ޗާޓަރާވެސް ފުށުއަރާ ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، މެދުއިރުމަތީގެ ސަރަހައްދުގެ މަސްރަހަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ ގާނޫނަށް އެ ގައުމުން އިޙްތިރާމް ނުކުރާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
އަދި ހާއްސަކޮށް ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުއިން ގޮވާލަމުންދާ ވަގުތެއްގައި، އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނާ ހިލާފުވަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި ބައިނަލްއަގްވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ބައިނަލްއަގްވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައިވެސް ހާރިޖީ ވަޒީރު ޑރ. ހަލީލް ފާހަގަކުރެއްވިއެވެ.
އޯއައިސީ އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ މުސްލިމް އުއްމަތަށް ދިމާވާ ގޮންޖެހުންތައް ހައްލުކުތުމުގައާ ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމިއްޔާއެކެވެ. 1976 ވަނަ އަހަރު މި ޖަމިއްޔާގެ މެމްބަރަކަށް ވުމަށްފަހު ދިވެހިރާއްޖެއިން މި ޖަމިއްޔާގައި ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.
