އިސްލާމީ އެއްބައިވަންތަކަން އިތުރުކޮށް، މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެކަތި ގަނޑަކަށްވެގެން މަސައްކަތް ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ގޮވާލައްވައިފިއެވެ.

ހަލީލް މިފަދައިން ގޮވާލައްވާފައި ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަން ފާހަގަކުރައްވައި، އެކަމަށް އިސްކަންދިނުމަށް މިނިސްޓަރު ވަނީ ބާރު އަޅުއްވާފައެވެ.

އަދި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހައްދެއްނެތް ކަމަށް ސިފަކުރައްވާ ހަލީލް ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނުން ފެށިގެން، އީރާނަށް ދެމުންދާ އިހުމާލުކަމުގެ ހަމަލާތަކާ ހަމައަށް ފުޅާވެފައިވާ ކަމަށާއި، މިކަންކަމުގެ ސަބަބުން މުޅި ސަރަހައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމަށް ނުރައްކާވާ ކަމަށެވެ.

ހަމަ އެހެންމެ މި ސަރަހައްދުގެ އަމަން އަމާންކަމެއް ގެނައުމަށާއި އިންސާފު ގާއިމުކުރުމަށްޓަކައި، މިނިވަން އަދި ސިޔާދަތީ ފަލަސްތީނު ދައުލަތެއް ބަލައިގަތުން މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށް، އެބައިމީހުންގެ ދިފާއުގައި އަޑުއުފުލަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ތަކުރާރު ކުރައްވާފައެވެ.

އިޒްރޭލުން މިދިޔަ ހަފުތާގައި އީރާނަށް ހަމަލާދޭން ފަށާފައި ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނުގެ އޮފިޝަލުންގެ މެދުގައި ހަ ވަނަ ބުރުގެ މަޝްވަރާތައް ފެށުމުގެ އެއް ދުވަސް ކުރިންނެވެ. އަދި އީރާންގެ ހާރިޖީ ވަޒީރު ވިދާޅުވެފައި ވަނީ އީރާނުން ދެން އަނބުރާ މަޝްވަރާގެ މޭޒަށް އަންނާނީ އިޒްރޭލުން ދެމުންދާ ހަމަލާތައް އެއްކޮށް ހުއްޓާލުމުން ކަމަށެވެ.

އީރާނާއި އިޒްރޭލާ ދެމެދު ކުރަމުންދާ ހަނގުރާމާގެ ހުޅުގަނޑު ފަޅައިގެންގޮސް މެދުއިރުމަތީގައި ތިންވަނަ ބޮޑު ހަނގުރާމަ ފެށިގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.