ފުލުހުންގެ ވެލްފެއާ ކަންކަން ކުރިއެރުވުމަށް އުފައްދާފައިވާ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ އިސްވެރިން ހާޒިރުކުރި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ޕޮލްކޯގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން މިއަދު ހަވީރު ބޭއްވި މާލިއްޔަތު ކޮމިޓީ ސިއްރުކޮށްފައި ވަނީ އެ މައްސަލައަކީ އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީއެވެ.

ބައްދަލުވުމުގައި އޭސީސީގެ 2 މެންބަރުން ބައިވެރިވާ ކަމަށާއި ބައެއް މައުލޫމާތުތައް ހިއްސާކުރާނެ ކަމަށް ކޮމިޓީގެ މުގައްރަރު ވަނީ ވިދާޅުވެފައެވެ.

ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަ ބެލުމަށް މާލިއްޔަތު ކޮމިޓީއިން ވަނީ ސަބް ކޮމިޓީއެއް ހަދާފައެވެ. މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މުގައްރަރަކީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްއެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ޕޮލްކޯއިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް މިހާތަނަށް 1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް ވެސް އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފައެވެ.

މާލިއްޔަތު ކޮމިިޓީގެ ސަބް ކޮމިޓީއިން މީގެކުރިން ބޭއްވި ބައްދަލުވުމުގައި ވަނީ ޕޮލްކޯގެ ތެރެއިން ނުހައްގު ފައިސާ ހޯދި މީހުން ގަނެފައިވާ ބިންތަކާއި ފްލެޓްތައް ދައުލަތަށް ނަގަން ހުށަހަޅަން ނިންމާފައެވެ.