2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފައެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ވަނީ އެ ބޭންކުން ހޯދާފައެވެ.
މިވޭތުވެދިޔަ ކުއާޓަރުގައި ބީއެމްއެލް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 72 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެ ބޭންކުން ބުނީ މި ކުއާޓަރުގައި ބޭންކުން ލޯނު ދޫކޮށްފައިވާ އަދަދުވަނީ 470 މިލިއަނަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. ހަމައެހެންމެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.
އެކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ޭތުވެދިޔައަހަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށްފަހ،ު މި އަހަރުގެ ފުރަތަމަ ކުއާޓަރގައިވެސް މިދުވެލި ދެމެހެއްޓިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިފަދަ ރަނގަޅު މާލީ ނަތީޖާއެއް ލިބުމަކީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައު ކުރިއަރުވަން އެހީތެރިވުމަށް ކުރާ މަސައްކަތަށް ލިބޭ އިތުރު ހިތްވަރެއް ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބަރާންޗްގެ އިތުރުން 107 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 165 އޭޓީއެމް އަދި އޭޖެންޓް ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.