ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަ ކުރުމަށް ހާއްސަ ސަމާލުކަމެއް މި ސަރުކާރުން ދޭނެ ކަމުގައި ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީއާއެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ތެލަސީމިއާ ކޮމިއުނިޓީގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށް އެ ކޮމިއުނިޓީން ވަނީ އިތުރަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ.

އެގޮތުން ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ މި ސަރުކާރުން ތަރައްގީ ކުރާ ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަން އެންމެ ފުރިހަމައަށް ގެންދިއުމަށް ވީހާވެސް ބޮޑަށް، އެބޭފުޅުންގެ މަޝްވަރާ އާއި ހިޔާލާއި ވިޝަންއާއެކު ކުރިއަށް ގެންގޮސްދެއްވުމަށް އެދިފައެވެ. އަދި ތެލަސީމިއާ އާއި ގުޅޭ ނިންމުމެއް ނިންމާ ނަމަ، އެ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނިގެން ދާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށް ދިނުމަށް ވެސް އެދިފައި ވެއެވެ.

ހަމައެއާއެކު މި ބައްދަލު ކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީ އިން ވަނީ މޯލްޑިވްސް ބްލަޑް ސާވިސްއިން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމަށް އެދިފައެވެ. އަދި އެ ކޮމިއުނިޓީން ވަނީ އެމްބީއެސްގެ ހިދުމަތް ވިލަރެސްކޮށް މުޅި ރާއްޖެއަށް ދެވޭނެ ގޮތަށް ފުޅާކުރެއްވުމަށާއި ޕޭޝަންޓުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް ދެއްވުމަށް އެދިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީ އިން ފާހަގަކުރި ކަންކަން ވަރަށް ރަނގަޅަށް، ސަމާލުކަން ދެއްވައިގެން ބައްލަވާނެ ކަމަށެވެ. އަދި ތެލެސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ގަބޫލުފުޅު ކުރައްވާކަމުގައި ފާހަގަކުރައްވައި، އެކަމަށް މަގުފަހިކޮށް ދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހި ކުރުމަށް މަސައްކަތްކު ރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ހަމައެއާއެކު މިއަދު ބައްދަލުވުމުގައި ފާހަގަކުރެއްވި ހުރިހާ ކަންކަމަކީވެސް ވަރަށް "ވެލިޑް" މުހިންމު ކަންކަން ކަމަށާއި އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.